ގައުމީ ދުވަސް

ސަރުކާރުގެ އެންމެ އިސް ވާޖިބަކީ މިނިވަންކަން ދިފާއުކުރުން: ރައީސް

ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާބާސަތުގައި ރައީސް ސޯލިހް ފޮނުއްވި ހިތާބުގައި ވިދާޅުވީ ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތް ކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން ހިމެނޭ ގޮތުން ދިވެހި ގައުމިއްޔަތުގެ މި އަސާސްތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ވަނީ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް އަރިސްކުރައްވާފަ އެވެ. އަދި ގައުމީ ދުވަސް އެ ބަތަލަކަށް ނިސްބަތްވާ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.