މިއަހަރު ގައުމީ ދުވަހުގެ ދިދަ ނެގުމުގައި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފި އެވެ
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު މިއަދު ހެނދުނު 6:00 ގައި ކުރިއަށް ގެންދިޔައީ ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރު ކުރިމަތީގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިދަނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އެވެ.
ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކިޔާފައިވެ އެވެ.
ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ވެސް މިއަހަރު ސަރުކާރުން ބޭއްވުމަށް ނިންމާފައިވަނީ ހއ. އުތީމުގަ އެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސް ސޯލިހް އެވެ.