އިމްރާން އަބްދުﷲ

މީހުން ބިނާކުރަން ބޮޑުތަކުރުފާނުގެ ފަލްސަފާ އެއީ ނަމޫނާއެއް: އިމްރާން

މީހުން ބިނާކުރުމުގައި ބޮޑުތަކުރުފާނު ގެންގުޅުއްވި ފަލްސަފާ އަކީ އެންމެ ކާމިޔާބު އަދި ނަމޫނާ ފަލްސަފާއެއްގެ ގޮތުގައި ގަބޫލުކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ގައުމެއް ކުރިއަރާ ތަރައްގީވާނީ އެގައުމެއްގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްގެން އަދި އެ ދަރިން މީހުންނަށް ހަދައިގެން ކަމަށެވެ. އެކަން ކުރުމުގެ ކާމިޔާބު ފަލްސަފާ ފެންނަން އޮތީ ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ކަމުގައި ވިދާޅުވި އެވެ.

"ބޮޑުތަކުރުފާނުގެ ފަލްސަފާއަކީ މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމަކަން،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނަކީ ވިސްނުންފުޅާއި ހުނަރުވެރިކަމުގައި ވެސް އާދަޔާ ހިލާފު ޝަހްސިއްޔަތެކެވެ. ހުށިޔާރުކަމާއި ކެރިވަޑައިގަތުމުގައިވެސް ނަމޫނާ ބޭފުޅެކެވެ.

“ބޮޑުތަކުރުފާނަކީ އާދަޔާ ހިލާފަށް ނެވިކަމާއި ހެވިކަން ދަސްކުރައްވައިގެން ހުންނެވި އަދި އެ މައިދާނަށް ނިކުންނެވި ކޮމާންޑަރެއް،" އިމްރާން ވިދާޅުވި އެވެ.

ދިވެހި ތާރީހަށް ބައްލަވާލައްވަމުން އިމްރާން ވިދާޅުވީ ދިވެހިންނަށް އެންމެ ބޮޑު ނިކަމެތިކަމަކާއި ހިތްދަތިކަމެއް އަދި ބިރުވެރިކަމަކާއި ނާމާންކަމެއް ތަހައްމަލް ކުރަން ޖެހުނީ ޕޯޗުގީޒުން ރާއްޖެ އިސްތިއުމާރު ކޮށްގެން ތިބި އަހަރުތަކުގައި ކަމަށެވެ. އެ ހިތްދަތިކަމުން ދިވެހި ސަލާމަތްކޮށް ގައުމިއްޔަތެއް ހޯއްދަވައިދެއްވި ގައުމީ ބަތަލަކީ ބޮޑުތަކުރުފާނު ކަން ދިވެހި ތާރީހު ހެކިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ތާއަބަދަށް ދެމިހުންނާނެ ޒިކުރާއަކަށް ހެދުމުގެ ގޮތުން އެ ތަކުރުފާނުގެ ހަނދާނުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ދުވަސް ފާހަގަކުރީ ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަން ކުރިތާ 384 އަހަރު ފަހުން ރާއްޖޭގެ ފުރަތަަމަ ރައީސް މުހައްމަދު އަމީން ކަމުގައި މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"މުހަންމަދު އަމީންގެ ވެރިކަމުގައި އެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށް އެ ދުވަހުގެ ގައުމީ ޖަލްސާގައި ފުރަތަމަ ފަހަރަށް ދިވެހި ގައުމީ ސަލާން ކުޅެވިގެން ދިޔަ،" ފުރަތަމަ ގައުމީ ދުވަހުގެ ހަނދާން އާކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ 19 ވަނަ ގަރުނުގެ ފަހުކޮޅު އަދި 20 ވަނަ ގަރުނުގެ ކުރީކޮޅު އިސްތިއުމާރީ ބާރުތަކުން ދުނިޔޭގެ ގިނަ ގައުމުތަކެއް އަޅުވެތިކުރުމާ ގުޅިގެން ބައެއް ގައުމުތަކުން މަސައްކަތް ކުރަންޖެހުނީ އެ ގައުމުތަކުގެ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލު އަނބުރާ ހޯދުމަށް ކަމަށެވެ. އެ ދުވަސްވަރު ރާއްޖެ އޮތީ ބައެއްގެ އަޅުވެތި ކަމެއްގައި ނޫން ނަމަވެސް އިނގިރޭސީންގެ ހިމާޔަތުގައި ކަމަށްވާތީ ދިވެހިރާއްޖެ އަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ދިވެހިންގެ ބަޔަކުވެސް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަން ފާހަގަކުރެއްވި އެވެ.