ގައުމީ ދުވަސް

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ގައުމީ ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޝަރަފްވެރިކޮށްދެއްވައިފި އެވެ.

ގައުމީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން އެ މައިދާނުން އެދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ.

ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.