މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ފުރަތަމަ އެނގެންޖެހޭ ކަމަކީ ގައުމުގެ ތާރީހުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ތިމާމެންނަކީ ކޮންބައެއްކަމާއި، ކިހިނެއް ދިރިއުޅުނު ބައެއްކަން އެނގެންޖެހޭ ކަމަށެވެ. މިގޮތުން ގައުމުގެ ތާރީހާއި ސަގާފަތާއި އާސާރުތައް ދަމަހައްޓަންޖެހޭ ކަމަށާއި، އެހެންނޫންނަމަ މުހިއްމު އާސަރުތަކެއް ނެތިގެން ގޮސްދާނެ ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.
އުތީމުގައި ހުރެ އާސާރުތަކުގެ ވާހަކަ ދައްކާއިރު، އެ ރަށުގައި ހުރި އެތަކެއް ގަދީމީ އާސާރުތަކަކަށް އިހުމާލުވެ، ނެތި ގޮސްފައިވާތީ އެކަމުގެ ވާހަކަ ދައްކަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އުތީމު ގަނޑުވަރު ފަދަ ދިވެހިންގެ ގައުމިއްޔަތު ދައްކައިދޭ ދެވަނަ އެހެން އާސާރެއް ނުވަތަ ބިނާއެއް މިއަދު ނެތްކަމުގައި ދެންނެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކަޅުވަކަރު މިސްކިތް ލިބުނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އުސްގެކޮޅުގެ އިތުރުން މާލޭގައި ހުރި ތާރީހީ ބިނާތައް ވަނީ މާލެ ތެރޭގައި ގިނަވެ ބިކަވެފައި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
"މުޅި ރާއްޖޭގައި ހުރި ތާރީހީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރާއްޖެއަށްޓަކާ ކުރަންޖެހެ ކަމެއް. ވަކި ސިޔާސަތަކާ އެކު ސަރުކާރުން މި އަންނަނީ އެކަން ކުރަމުން" ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ދަރިންނަށް އެކަށޭނެ ރަނގަޅު ސިއްހަތާއި ފުރިހަމަ ތައުލީމު ހޯދޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ގައުމަށް ކޮށްދޭ ކަމެއް ކަމަށާއި މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިވާނީ، އެކުދިންގެ ގާބިލުކަމާއި ޒިންމާދާރުކަމުން ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
"ގައުމަށްޓަކާ ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮ ކަމަކީ ރަނގަޅު ދަރިއެއް ތަރުބިއްޔަތުކޮށް ނެރުން" ރައީސް ވިދާޅުވި އެވެ.
ގައުމުގައި ހިނގަމުންދާ ކަންކަމާ ބެހޭ މައުލޫމާތު އެކުދިންނަށް ފޯރުކޮށްދެމުން އެކުދިން ތަރުބިއްޔަތު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ގައުމީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ވަނީ އުތީމުގައި ބާއްވާފައެވެ.