ލައިފްސްޓައިލް

މަސްނޫއީ ނާށިގަނޑެއްގެ އިންތިޒާރުގައި

އިނގިރޭސި ވިލާތުގެ މީހެއްގެ ބޮލަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއްގެ ސަބަބުން ބޮލުގެ ނާށިގަނޑު ފުނޑުފުނޑުވެފައިވާތީ މަސްނޫއީ ނާށިގަނޑެއް ލައްވައިފި އެވެ. ޖޯޝް ސްޓޯރާ، 26، ގެ ބޮލަށް އަނިޔާވީ ބަޔަކު އޭނާގެ ބޮލަށް ހަމަލަދީ ޒަޚަމްކޮށްލުމުންނެވެ. ޖުލައި 9 ވަނަ ދުވަހު މި ހާދިސާ ހިނގީ ނިއު ޒިލެންޑްގެ އޮކްލެންޑްގައި ޖޯޝް އުޅެނިކޮށެވެ.

ވަގުތުން އޭނާ އޮކްލެންޑްގެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ސިކުނޑި އޮޕަރޭޝަން ކުރި އެވެ. އަދި އޭގެ ފަހުން ތިން ހަފުތާ ވަންދެން އޭނާ ކޯމާގައި އޮތެވެ. އޭނާގެ ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ޑޮކްޓަރުން ވަނީ އޭނާގެ ނާށިގަނޑުގެ ބޮޑު ބައެއް ނަގާފަ އެވެ. ސިކުނޑިއަށް ކުރަމުންދިޔަ ޕްރެޝަރު ކުޑަކުރުމުގެ ގޮތުންނެވެ.

ޖޯޝްގެ ސާޖަރީ ހެދި ޑޮކްޓަރުން ފަހުން އޭނާއަށް އެންގީ އޭނާގެ ބޮލުގެ ނާށިގަނޑުން ކަފާލަފައި ނެގި ބައި އޭނާގެ އަލުން ނުގުޅުވޭ ވަރަށް ހަލާކުވެފައި އޮތް ކަމަށެވެ. އަދި އޭގެ ބަދަލުގައި މަސްނޫއީ ނާށިގަނޑެއް ހަދައިދޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ނިއު ޒިލެންޑްގައި އޮތް ލޮކްޑައުންގެ ހާލަތަށް ނިމުން އަންނަންދެން ޖޯޝް އަށް ވަނީ މިފަދަ ނާށިގަނޑަކަށް އިންތިޒާރު ކުރަން ޖެހިފަ އެވެ.

މި ހާދިސާ ހިނގިއިރު ޕްލަމާއެއްގެ ވަޒީފާގައި ނިއު ޒިލެންޑްގައި ޖޯޝް މަސައްކަތް ކުރާތާ ތިން އަހަރު ވެއްޖެ އެވެ. އެހެންވެ އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ވެސް އެ ގައުމަށް އެތެރެ ނުވެވި ގިނަ ދުވަސްތަކަކު ޖޯޝް އަށް އެކަނި މާއެކަނި އޮންނަން ޖެހުނެވެ.

ޖޯޝްގެ ކޮއްކޮ ބުނި ގޮތުގައި އޭނާއަށް ހަމަލަ ދިންބަޔަކު އަދިވެސް ނޭނގެ އެވެ. ނަމަވެސް ސާޖަރީއަށް ފަހު އޭނާ ރަނގަޅުވަމުން އަންނާތީ ހިތްހަމަޖެހެ އެވެ.