ޑރ. މުހައްމަދު މުއިއްޒު

ގޯހެއް ނޯންނާނެ، އެއްބާރުލުން ދޭނަން: މުއިއްޒު

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިންގ ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީ އިން ޕީޖީގައި އެދުނު ނަމަވެސް ގާނޫނާއި ހިލާފު ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭސީސީން ބުނީ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީން ލޮނުޒިޔާރަތްކޮޅުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިއާ އަދި ޕާކިން އޭރިއާއެއް ހިންގުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޕާކިން އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ނިންމާ ދައުވާކޮށްދޭން ފޮނުވާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރައްވާފައި ވާނީ އުސޫލުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ކަން ހިނގާފައި ގޮތް މިނިވަން މުއައްސަސާތަކުން ބެލުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށާ ނަމަވެސް އަސާސެއް ނެތް ތުހުމަތު ކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ތަހުގީގުތަކާއި މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތައް ތަފްސީލުކޮށް ދީ އޭސީސީން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ސެޕްޓެންބަރު، 22 2016 ގައި ވެފައިވާ ކަމަށާ އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ލިބި އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފު ކަމެއްކަމާއި އަދި މިކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭ ކަމަށްވެސް އޭސީސީން ބުންޏެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައްގެނެސް އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި ބިން ކުއްޔަށްދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރު ކުރުމަށާއި މުއްދަތު އިތުރު ކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި 2,000,000 ދިނުމަށާއި ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ. މި ހުށަހެޅުމާގުޅިގެން އެ ކުންފުނިން އެދިފައިވާ ގޮތަށް އޭޕްރީލް 13، 2017 ގައި އެއްބަސްވުމަށް ފުރަތަމަ އިސްލާހު ގެނެސްފައިވާއިރު މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން އަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ނުހޯދައި ކަމަށެވެ. މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ހަވާލުކުރާނެ ބަޔަކު ހޯދުމަށް ކޮށްފައިވާ އިއުލާނުން އެނގޭއިރު އިތުރު ފަސް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގުސަދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާ އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިވެސް ނުވާ ކަމަށެވެ.

އަދި އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާކަމާއި އެގޮތުން ނޮވެންބަރު 2017 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1,976,548.00 ރުފިޔާ ދައްކާފައިނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.