މޯލްޑިވްސް ނޭޝަނަލް ޕާޓީ

"އެމްއެންޕީގައި ތަބަކަށްލާފައި ދޭނެ އެއްޗެއް ނެތް"

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި ތަބަކަކަށް ލާފައި އެއްވެސް މީހަކަށް ދޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް އެ ޕާޓީގެ މެދު ދެކުނު ރީޖަންގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ސިޔާސީ ޕްލެޓްފޯމަކުން ޖާގަ ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް އެ ޕާޓީއިން ފުރުސަތު އޮންނާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގެ މާޒީއަށް ބަލާއިރު މިހާތަނަށް އުފެދުނު ހުރިހާ ސިޔާސީ ޕާޓީއެއް އުޅެނީ ކޮންމެވެސް މީހެއްގެ ފަހަތުން ކަމަށާއި އެހެންކަމުން ޕާޓީތަކުގައި އިސްކުރެވެނީ އަމިއްލަ މަސްލަހަތު ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެ ޕާޓީތަކުން ރައްޔިތުން ބާރުވެރިކުރުމުގައި އަމިއްލަ މަސްލަހަތު އިސްކުރާއިރު އެމްއެންޕީއަކީ އެ ސިޔާސަތުތަކާ މުޅިން ހިލާފު ޕާޓީއެއް ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

ރިޔާޒް ވިދާޅުވީ އެ ޕާޓީ އަބަދުވެސް އިސްކަން ދޭނީ އެހެން ޕާޓީތަކާ ހިލާފަށް ގައުމިއްޔަތާއި ގައުމަށް ކަމަށެވެ. އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.

ޕާޓީގެ ސިޔާސަތުތަކާއި ގަވާއިދުތަކަށް އަލިއަޅުއްވައިލަމުން ރިޔާޒް ވިދާޅުވީ މީގެ ކުރިން އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ މިހާރުގެ ހާލަތަކަށް ރިއާޔަތްކޮށް، އެމްއެންޕީގެ މަގާމުތަކުގައި މެމްބަރުންނަށް އެންމެ ގިނަވެގެން ތިބެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށެވެ. އަދި އާންމު މެމްބަރުންގެ ސީދާ ވޯޓަކުން ޕާޓީގެ ނުފޫޒުގަދަ ފަރާތެއް ބޭނުންވެގެން ސުލޫކީ ކޮމިޓީއެއް މެދުވެރިކޮށް އެ ޕާޓީގެ އެއްވެސް އިންތިހާބުވެފައިވާ މެމްބަރަކު ވަކި ނުކުރެވޭނެ ކަމަށެވެ.

"ޕާޓީގެ ކައުންސިލްގަ އާންމު މެމްބަރުންގެ ރުހުމާ ނުލާ ހަމަ އެއްވެސް މެމްބަރަކަށް ނުހުރެވޭނެ. ތަބަކަކަށްލާފަ ދޭނެ އެއްވެސް އެއްޗެއް މި ޕާޓީގައި ނޯންނާނެ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެމްއެންޕީގެ ސިޔާސަތުތައް ކަނޑައަޅާފައި ވަނީ ތައުލީމާއި ތަޖުރިބާކާރުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ޕާޓީގެ އަސާސްތައް ބިނާކޮށްފައި ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ބަލައިގެން ކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އެމްއެންޕީގެ މެދު ރީޖަންގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، އެމްއެންޕީ އަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ކޮށްލާނެ ޕާޓީއެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އުޝާމް ވިދާޅުވެފައި ވަނީ ޕާޓީގެ ހުރިހާ ކަމެއް ބައްޓަންކޮށްފައި ވާނީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ގޮތުން ލިބުނު ފިލާވަޅުތަކަށް ވިސްނައިގެން ކަމަށެވެ. އަދި މަސައްކަތްތައް ވެސް ކުރާނީ އެކަންކަމަށް ވިސްނައިގެން ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ފަދައިން ރައްޔިތުން ބާރުވެރިކުރުމަކީ ޕާޓީގެ ވަރަށް މުހިންމު އަމާޒެއް ކަމުގައި ވެސް އުޝާމް ވަނީ ފާހަގަކުރައްވާފަ އެވެ.

އުޝާމް އިތުރަށް ވިދާޅުވެފައި ވަނީ އެޕާޓީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫން ކަމަށާއި ޕާޓީގެ އުޖާލާ މުސްތަގްބަލް ބިނާވެފައި ވަނީ މިކަންކަމުގެ މައްޗަށް ކަމަށެވެ.

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ މިރޭ ބާއްވާފައިވާއިރު ޕާޓީގެ ލޯގޯ، ދިދަ އަދި އަސާސީ ގަވާއިދު މިރޭ ވަނީ އިފްތިތާހުކޮށްފަ އެވެ. އަދި މިއަދު ހަވީރު ނެގި ވޯޓުން ޕާޓީގެ މަގާމުތަކަށް ހޮވުނު މެމްބަރުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.