މުހައްމަދު ނާޒިމް

ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ: ނާޒިމް

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާނެ ކަމަށާ ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީން ދިވެހި ރައްޔިތުންނަށް ވާ ވައުދެއް ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ބައްދަލްވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ނާޒިމް މިރޭވެސް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމާއި މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް ދެމެހެއްޓުން ކަމަށެވެ. އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފަސް ޖެހުމެއް ނެތި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެންޕީގެ ސަރުކާރެއްގައި ގެންގުޅޭނީ ވަކި ގައުމަކަށް ބަރޯސާނުވާ ހަމަހަމަ ހާރިޖީ ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއްވެސް ގައުމަކަށް ރާއްޖެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ދީނީ ގޮތުން ހަމަޖެހުން އޮންނަ އަދި މާތްވެގެންދާ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭ ގައުމެއްްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަކީ އަޅުގަނޑުމެންގެ އިސް ވާޖިބު. ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓާ ބައިނަލްއަގްވާމީ މުޖްތަމައުގައި ފުރިހަމަ މިނިވަންކަމާ އެކުގައި ރަމުޒުކުރެވޭ އަދި ބޭރުގެ ވަކި ބާރަކަށް ނުވަތަ ވަކި ގައުމަކަށް ބޯނުބަލާ ހަމަހަމަ ސިޔާސަތެއް ގެންގުޅޭ ހުރިހާ ގައުމަކާވެސް އެކުވެރި ބާރުގަދަ ގައުމަކަށް ރާއްޖެ ހެދުމަކީ އަޅުގަނޑުމެންގެ ދަނޑުދަނޑި. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއް،" ކުރީން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިރެއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ތާބަދަށް ދެމި އޮންނާނެ ތާރީހީ ރެއެއް ކަމަށާ އެމްއެންޕީއާއެކު ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ޕާޓީ ނިޒާމަށް އޮތް އިތުބާރު ކުޑަވެފައިވާ މި ދަނޑިވަޅުގައި އެމްއެންޕީ ވުޖޫދުވެގެން އަންނަނީ "އުންމީދުގެ އަލިކަން" ގެނެސްދެމުން ކަމަށް ވިދާޅުވިއެވެ.

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެެއްވެސް ބޭރުގެ ބަޔަކަށް ދޫކުރުމަށް ފާޅުގައި އަޅުގަނޑުމެން ދެކޮޅު ހަދާނަން. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭ ހާލު ރާއްޖޭގެ އެއްވެސް ސަރަހަދެއްގައި ބޭރު ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭ ގޮތް ހެދުމަކީވެސް އަޅުގަނޑުމެންގެ މި ޕާޓީގެ ވައުދެއް
ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފައުންޑަރު

އެމްއެންޕީގެ ސަރުކާރެއްގައި އަމާޒު ހިފާނެ މުހިންމު ވަރަށް ގިނަ ކަންކަން ނާޒިމް މިރޭ ހާމަކުރެއްވިއެވެ. ދިވެހިންނަކީ ފުއްދުންތެރި ބަޔަކަށް ހެދުމާއި ޝަރުއީ ނިޒާމު އިސްލާހުކޮށް ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ނިޒާމުތައް ގާއިމުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަހަށް ހަމަ އަގު ހޯދާ ދިނުމަށް އެކި ސަރުކާރުތަކުން ވަމުންދާ ވައުދުތައް ނިމުމަކަށް ގެންނަވާނެ ކަމަށާ ރާއްޖޭގެ ފަސް ސަަރަހައްދުގައި އާބަން ސެންޓަރުތައް ހައްދަވާ މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާ ޖީބަށް ލުއިކޮށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓޫރިޒަމުން މަންފާ އިތުރުކޮށް އެ ދާއިރާ ފުޅާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް މިރޭވެސް ވަނީ 2023 ގެ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.