ބޮލީވުޑް

ޝާހް ރުކްގެ ދަރިއަކަށް ވާތީ އާރިޔަން ފްރޭމް ކުރީތަ؟

މަސްތުވާތަކެތި ގަނެ، ވިއްކާ، ބޭނުންކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ޝާހް ރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން މި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފަ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އާރްޔަން ހައްޔަރު ކުރީ ކްރޫޒް ޝިޕް އެއްގައި އޮތް ޑްރަގް ޕާޓީ ތަކުންނެވެ. އެހެން ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ޕާޓީއަށް ދިއުމުގެ މަގުމަތީގައި އެ ކްރޫޒް ޝިޕަށް ނާރަނީސް އާރްޔަން އާއި އޭނާއައެކު ދިޔަ ކުދިން ހައްޔަރުކުރީ އެވެ.

ބެއިލް ބަހައްޓައިގެން އާރްޔަން ހައްޔަރުން ސަލާމަތްކުރަން ކުރަމުންދިޔަ މަސައްކަތް ހުކުރު ދުވަހު އޮތް ކޯޓުގެ އަޑުއެހުމުގައި ވަނީ އަނބުރާ ރައްދު ކޮށްފަ އެވެ. އަދި އޭނާ ކުރިޔަށް އޮތް 14 ދުވަހަށް ޖުޑިޝަލް ކަސްޓަޑީގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އާރްޔަން ވަނީ އާތާ ރޯޑު ޖަލަށް ގެންގޮސްފަ އެވެ.

އާރްޔަންގެ ގާނޫނީ ވަކީލު ސަތީޝް މަންޝިންޑޭ ކޯޓުގައި ބުނި ގޮތުގައި އާރްޔަންގެ އަތުން އެއްވެސް ވަރަކަށް މަސްތުވާކެތި ފެނިފައެއް ނުވެ އެވެ. އަދި އޭނާގެ މެޑިކަލް ޓެސްޓްތަކުން ވެސް އޭނާ މަސްތުވާތަކެތި ބޭނުންކުރި ކަމެއް ސާބިތެއް ނުވެ އެވެ. އަދި އޭނާގެ ފޯނު އަތުލައި އޭގައި ހުރި ޑޭޓާތައް ނަގައިގެން ކުރި ތަހުގީގުން ވެސް އޭނާ އެއްވެސް މީހަކާ ޑްރަގްގެ މުއާމަލާތެއް ކުރި ކަމެއް އެނގޭކަށް ނެތެވެ. އެހެންކަމުން އޭނާ ހައްޔަރު ކޮށްފައި ބަހައްޓާނެ އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއް ނެތެވެ.

ނަމަވެސް އެންސީބީ އާއި އާރްޔަންގެ ގާނޫނި ވަކީލުންގެ ވާހަކަތައް އަޑުއެހުމަށް ފަހު ކޯޓުން ނިންމީ އާރްޔަން އަށް ބެއިލް ނުލިބޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް 14 ދުވަހު އޭނާ ޖަލުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ އާރްޔަން އަށް ލަނޑު ލިބުނީ އޭނާއަކީ ޝާހް ރުކްގެ ދަރިއަކަށް ވާތީ ހެއްޔެވެ؟ އޭނާގެ އެއްވެސް ކުށެއް ނެތި އޭނާ ވަނީ ފްރޭމް ކުރެވިފައި ހެއްޔެވެ؟

ޝާހް ރުކް އާއި އާރްޔަންގެ ފޭނުން ބުނަނީ ބަޔަކު ރާވައިގެން ޝާހް ރުކަށް ލަނޑެއް ދިނުމުގެ ނިޔަތުގައި އާރްޔަން ފްރޭމް ކުރީ ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ ޕާޓީއެއް ބާއްވައިގެން އުޅުނު ކަމަށް ބުނާ އެ ކްރޫޒް ޝިޕްގައި 1300 ވަރަކަށް މީހުން ތިއްބެވެ. އަދި އެ ކްރޫޒަށް އާރްޔަން އަށް ދައުވަތު ދީގެން ގެންދިޔައީ އެ ޕާޓީ އިންތިޒާމްކުރި މީހުނެވެ. އާރްޔަން އޭނާގެ ދެ ތިން އެކުވެރިއަކު ގޮވައިގެން އެ ކްރޫޒް އަށް ދިޔައީ އެހެންވެ އެވެ.

ޝާހް ރުކް އާއި ގޯރީ އަށް ހިތްވަރުދީ ގިނަ އަދަދެއްގެ ފިލްމީ ތަރިން މިހާރު ސޯޝަލް މިޑިއާގައި ތަފާތު ޕޯސްޓުތައް ކުރަމުންދާއިރު އެންމެން ވެސް ގަބޫލުކުރަނީ އާރްޔަންގެ ކުށެއް ނެތްކަމަށެވެ. އަދި ވަރަށް އަވަހަށް އޭނާ ޖަލުން ސަލާމަތް ވާނެ ކަމަށެވެ.

އަދި ބައެއް ފަންނާނުން ދެކޭ ގޮތުގައި އާރްޔަން އަށް އަދާކުރަން މި ޖެހުނީ މަޝްހޫރު ފިލްމީ ތަރިއެއްގެ ދަރިއަކަށް ވާތީ އެކަމުގެ އަގެވެ.