ވާހަކަ

ނިވެމުންދާ ބައްތި

(އާދީއްތަ ދުވަހުގެ ބަޔާގުޅޭ)

ރައްދު ޖަވާބު ދޭން ފެށިއެވެ. "ތިޔަ ހުރިހާ ކަމަކުން ވެސް އަހަރެން ބުނެ ދޭން ބޭނުން ވަނީ ސައުންގެ ހަޔާތަށް އަހަރެން މުހިންމު ނޫންކަން. ހަމަ ހަޤީގަތުގައި އަހަރެން މިހާރު ސައުން ދެކެ ލޯތްބެއް ނުވަން. އަހަރެން އެންމެ އުފާވާނެ ދުވަހަކީ މިގައިދުން އަހަރެން ސަލާމަތްވެ، މިނިވަންކަން ލިބޭ ދުވަސް."

މިޝްކާ މަސައްކަތް ކުރަމުން ދިޔައީ ސައުން ރުޅިއަރުވައިގެން "ވަރި" އެ ލަފުޒު ސައުންގެ ދުލުން ބޭރު ކުރުވާށެވެ. މި ކަން ސައުންނަށް އެނގެއެވެ. އެހެން ކަމުން ސައުން ކެތްކުރަމުން ދިޔައީ ކޮންމެ ހާލަކައި ލައިގެން ވެސް ކައިވެނި ރޫޅުނަ ނުދީ ދެމެހެއްޓޭ ތޯއެވެ. ކިތަންމެ ރުޅިއައި ނަމަވެސް އެ ދެ އަކުރާ މެދު ސަމާލު ވެ ކޮންމެ ނިންމުމެއް ނިންމަމުން ދިޔައި ބުއްދިވެރި ކަމާ އެކުގައެވެ. އެއީ ކައިވެނި ރޫޅުމަކީ ސައުން އެދޭގޮތް ކަމަށް ނުވާތީއެވެ. އެހެންނަމަވެސް މިހާރު މަޑުމަޑުން މިޝްކާގެ މަތިން ސައުން ދިޔައި ފޫހިވަމުންނެވެ. ހިތުގައި އޮތް ލޯބި ނަފުރަތަށް ބަދަލު ވަމުންނެވެ. މަންޒިލު ނުލިބި ކަނޑުގައި އޮޔާދާ މުސާފިރެއްފަދައިންނެވެ. ދިރިއުޅުމަށް ޓަކައި ދެކުނު ހުރިހާ އުއްމީދެއް ދިޔައީ ވިއްސި ވިހާލި ވަމުންނެވެ.ކުރިން ކުރި ހުވަޔާ ވައުދުތަކުގެ އެއްވެސް އަގެއްނެތެވެ. އެކަކު އަނެކަކަށް ޓަކައި އެންމެ ފަހު ވިންދާ ޖެހެންދެން ދިރިއުޅެން ބުނި ނަމަވެސް އެ އުއްމީދު ހާޞިލު ވާކަށްނެތެވެ. އެންމެ ފަހުން މައްސަލަތައް ޖެހެމުން ޖެހެމުން ގޮސް އަމިއްލައަށް ހައްލު ނުވާ ވަރު ވުމުން އެހެން މީހަކާއި މިކަން ހިއްޞާ ކުރަން ހުރީ ނުހަނު ބޭނުން ވެފައެވެ.

ވިޔަފާރިއާއި އަމިއްލަ ކަންތައް ތަކުގައި ގިނަ ފަހަރަށް މަޝްވަރާ ކުރާ އެކަކީ ކުންފުނީގެ މާރކެޓިން ޑިރެކްޓަރ އާލިޔާއެވެ. އުމުރުން ކުޑަވެ ތަޖުރިބާ ކިތަންމެ މަދު ނަމަވެސް މިފަދަ ވަގުތު ތަކުގައި މީގެ ކުރިން އާލިޔާގެ ކިބައިން ލިބިފައި ވަނީ ރަނގަޅު ލަފައެވެ. ހެޔޮއެދޭ ގާތް މިތުރެއް ފަދައިންނެވެ.

ސައުންގެ ހުރިހާ ކަމެއްގައި ވެސް އާލިޔާ ލަފާ ދީފައި ވަނީ ހެޔޮ އެދޭ މިތުރެއްގެ ހައިޞިއްޔަތުންނެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތިއެވެ. އާލިޔާގެ ނިޔަތް ކިތަންމެ ސާފު ނަމަވެސް އާލިޔާގެ އެގާތްކަން ހަޖަމު ނުކުރެވޭ މީހަކި މިޝްކާއެވެ. ބައެއްފަހަރަށް މިޝްކާއާއި ދިމާލަށް ކުދިއޮއްގަލުގެ ހަމަލާ ބަހުން ދީފައި އެބަހުއްޓެވެ. ނަމަވެސް އާލިޔާ އަކީ މީހަކު ކިޔާ އެއްޗަކާމެދު ނުބައި ވިސްނުމަކުން ވިސްނާ އެކަމުގެ ހަސަދަލައިގެން ބަދަލު ހިފުމުގެ ރޫޙްގައި މަސައްކަތް ކުރާ ކުއްޖެއް ނޫނެވެ. އާލިޔާއާއި ބެހެގޮތުން މިޝްކާ ޖައްސާ މައްސަލަތަކާއި މެދު މިހާރު ސައުންވެސް މާސިރިއަސް ކޮށްނެއް ނުނަގައެވެ. އެއީ ސައުންގެ ހިތުގައި ނުބައި ނިޔަތެއް ނުވާތީއެވެ. އެއަތް ތެޅިޔަސް އަޑެއް ނުކިޔާނެ ކަން ސައުންނަށް އެނގެއެވެ.

މިޝްކާގެ ކުރިމަތީގައި ހޭދަވާ ކޮންމެ ސިކުންތަކުން ވެސް ސައުންނަށް މިހާރު ލިބެނީ އިތުރު އަނިޔާއެވެ. ހަޤީގަތުގައި މިއަދު އޮފީހަށް ނުކުމެވޭ ވަރަށް ވުރެ ބޮލުގެ ރިހުން ގަދައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ލޮލާއި ސިކުނޑި ވަނީ ވަރުބަލި ވެފައެވެ. ނަމަވެސް ގޭގައި ހޭދަ ކުރާ ކޮންމެ ވަގުތަކީ ތަހައްމަލު ކުރަން ދަތި ވަގުތެކެވެ. އެހެން ކަމުން އަވަސް އަވަހަށް ތެދުވެގެން އޮފީހަށް ދިއުމަށް ތައްޔާރު ވެލިއެވެ.

އޮފީހަށް ދިޔަ ނަމަވެސް ސައުން މިއަދު ހުރީ މިޝްކާ ރޭގައި ހާމަކުރި ވާހަކަ ތަކުގެ ސަބަބުން ހަދާނެ ގޮތް ހުސްވެފައެވެ. އެކި އެންގަލުން ދިރިއުޅުމަށް މިއައި ބޮޑު ބަދަލާއި މެދު ވިސްނެމުން ދިޔައެވެ. މިހާ ބޮޑު ބަދަލެއް ގެނުވި ސަބަބެއް ދެނެގަންނަން ބޭނުންވިއެވެ. ލޯބި ހީނަރު ވަމުންދާ ސަބަބު ހޯދަން މިޝްކާއާއި ކިތަންމެ ފަހަރަކު ސުވާލު ކުރެވިއްޖެއެވެ. އެހެން މީހަކު މިޝްކާގެ ހަޔާތަށް ގެންނަން ބޭނުން ވަނީ ތޯ ސުވާލު ކުރެވުނެވެ. ނޫނީ ސައުންނަށް ވުރެ ބޮޑަށް ލޯބިވާ އިތުރު މީހަކު ހުރީ ތޯ ވެސް އެހިއްޖެއެވެ. އެއީން ކޮންމެ ސުވާލެއްގެ ޖަވާބު ވެސް ނިމެނީ ބުނާކަށް ބޭނުންމެއް ނޫން މިފަދަ ގޮތަކަށެވެ.

ސައުންނަށް ވިސްނުނީ މިޝްކާ ބުނަން ބޭނުން ނުވި ނަމަވެސް އިތުރު މީހެއްގެ ވިހަ އެ ދިރިއުޅުމަށް ފޯރައިފިކަމެވެ. އަދި ސައުންނަށް ނޭނގި އެހެން މީހަކާއި ގާތް ގުޅުންތަކެއް ބާއްވަމުންދާ ކަމެވެ. ގިނަ ރައްޓެހިންނާއި ހެޔޮ އެދޭ މީހުންގެ ދޫތަކުން ފާޅު ކުރި ވާހަކަ ތަކަކީ ހޮޅި ވާހަކަ ތަކެއް ނޫން ކަމުގައި ގަބޫލު ކުރެވިއްޖެއެވެ.

އެ ހިތް ދަތި ކަމުގައި އެ ދިރިއުޅުމާ އެކު ކުރިއަށް ދާންވީ ތޯ ނުވަތަ މިޝްކާ އެދޭގޮތް ހަދައި ދޭންވީތޯ ހިތާ ސުވާލު ކުރަމުން ދިޔައެވެ. އަދި އެހާ ލޯބިން ކުރި ކައިވެނީގެ ހަޔާތުގައި ރެނދުލައި ފުނޑު ފުނޑުވީ ސައުންގެ ކުށަކާއި ލައިގެން ބާ އޭ ހިތަށް އަރަމުން ދިޔައެވެ. ކައިވެނީގެ ހަޔާތާއި މެދު ގޮތެއް ނިންމަން އުނދަގޫވި ވަރަކަށް ބޮލުގެ ރިހުން ދިޔައީ ގަދަ ވަމުންނެވެ. އަދި ހިތާ ފުރާނަޔަށް ލިބޭ ވޭން ދިޔައީ އިތުރު ވަމުންނެވެ. ކެތް ކުރަން ދަތި ވޭނަކާ އެކު ހިތް ވިރި ކުދި ކުދިވަމުން ދިޔައެވެ. ބޮލުގައި ދެއަތް އަޅައި ގޮނޑިގައި ހަމަޖެހި ލުމަށް ފަހު މޭޒުމަތީގައި ހުރި ލެޕް ހުޅުވާލިއެވެ.

ވިޔަފާރިއާއި ގުޅުން ހުރި ފަރާތް ތަކާއި މުޢާމަލާތް ކޮށްގެން، ނިންމަން ހުރި ނިންމުންތައް ކުޑަ އަޑި ކޮށްލުމުގެ ނިޔަތުގައެވެ. ނިމުން ނެތް މި ހިތާމަޔާ އެކު ވިޔަފާރި އަނދާ ހުލި ވުމަކީ ސައުން ބޭނުންވާ ގޮތެއް ނޫނެވެ. އެވަގުތު މެސެންޖަރއިން އާ މެސެޖު ތަކެއް އައިސްފައި ހުރުމުން އެއީ ކާކުގެ މެސެޖެއްތޯ ބަލާލުމުގެ ނިޔަތުގައި އެއަށް ސަމާލުކަން ދިނެވެ. ފަހަރަކު މެސެޖެއް ހުޅުވަމުން ކިޔަމުން ދިޔައެވެ. ނުދަންނަ ފަރާތަކުން ޗެޓް ލޮގަށް ލައިފައި ހުރި ފޮޓޯ ތަކާއި ދިމަ ބަލާލީ މާ ބޮޑުޝައުގަކާ އެކުގައެއް ނޫނެވެ. ފޮޓޯ ތަކަށް އެއްލި ކަޅިން ފެނިގެން އެ ދިޔައީ ގަބޫލު ކުރަން ދަތި މަންޒަރު ތަކެކެވެ. ދެވަނަ ސިކުންތުގައި މޭޒު މަތީގައި ހުރި ފައިލުތަކާއި ލިޔުންތައް މުޅި ކެބިން ތެރެއަށް ވިހުރުވާ ލެވުނީ އިޙުތިޔާރުން ބޭރުގައެވެ. ބޭގަރާރު ވެފައިވާ މީހެއް ފަދައިން މޭޒުމަތީގައި ވަރަށް ބާރަށް ގޮށްމުއްކަވާ އަތުގެ އިނގިލިތަކުގެ ހުޅުތައް މުގުރޭހާ ބާރަށްޖެހިއެވެ. އެ އަޑު ފައްގަނޑަށް ޖެހިގެން ހުރި ކެބިންގައި އިން އާލިޔާ ދުވެފަ ކަހަލަ ގޮތަކަށް ވަދެގެން އައެވެ.

އޭރު ސައުން ފާރުގައި ބޯތަޅަ ތަޅާފައި ރޮނީއެވެ. އާލިޔާ އަށް ލިބުނު ސިހުމުގައި ފިޔަވަޅުމަތީ ގަނޑު ވެވުނެވެ. މުޅި އެ ތަނުގައި ވަނީ ކަރުދާހެވެ. މޭޒުމަތީގައި ހުރި ފައިލުތައް ވެސް ވަނީ މުށިތައް މަތީގައެވެ. ސައުންގެ ހަރަކާތް ތައް ހުރި ގޮތް ފެނުމުން އާލިޔާ އަވަސްވީ ސައުންނަށް އިތުރު އަނިޔާއެއް ނުލިބެނީސް ހަމައަކަށް އެޅު ވޭތޯއެވެ. ކުޑަކުއްޖަކު ފަދައިން މަސަލަސް ކުރެވޭތޯ އާލިޔާ ބެލިއެވެ. ސައުންގެ ދެއަތުގައި ހިފައިގެން ގެނެސް ގޮނޑިގައި ބޭންދިއެވެ.

އުކާލައިފައި އޮތް އެއްޗެހިތައް އަވަސްއަވަހަށް ނަގައި މޭޒުމަތީގައި ބެހެއްޓުމަށް ފަހު ފެންތައްޓެއް ގެނެސް ސައުންނަށް ދިއްކޮށްލިއެވެ. ފެންތަށީގައި ހިފުމުގެ ބަދަލުގައި ތެދުވެ އާލިޔާގެ ގައިގަ ސައުން އޮޅުލައިގަތެވެ. އަދި އާލިޔާގެ ކޮޑުގައި ބޯއަޅައިގެން އޮވެ ތުއްތު ކުއްޖެއް ފަދައިން ގިސްލަމުން ދިޔައެވެ. އާލިޔާ ސައުންނާއި ދުރަށް ޖެހިލަމުން ގޮނޑީގައި އަނެއްކާވެސް ބޭންދިއެވެ. މޭޒުމަތިން ޓިސޫއެއް ނެގުމަށްފަހު މޫނު ފޮހެލަ ދިނެވެ. އަދި އަލުން ފެންތަށި ދިނުމަށްފަހު ފެން ބުއިމަށް ތަކުރާރުކޮށް އެދުނެވެ.

ޓައީގައި ހިފާ ދޫކޮށް ލުމަށްފަހު ގޮނޑީގައި ކުޑަކޮން ސައުން ހަމަޖެހިލިއެވެ. އެ ވަގުތު މޭޒު މަތި އިތުރަށް ތަރުތީބުކޮށް ލަމުން މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުރި ތަނުން ނަގައި ރަނގަޅު ކޮށްލުމުގެ ނިޔަތުގައި ލެޕާއި ދިމައަށް ބަލާލިއެވެ. އާލިޔާގެ ދެލޯ އިތުރަށްބޮޑު ކުރާކަށްވެސް ނުކެރުނެވެ. ލެޕުގައި ހިފުމަށް ދިއްކުރި އަތް ދަމައި ގަނެވެނީ ކުއްލިއަކަށެވެ. ލެޕުން ފެންނަށް ހުރި ފޮޓޯ ތަކުގައި ނިވައި ކަމެއް ނެތި ވަނީ ސައުންގެ އަނބިމީހާ މިޝްކާއެވެ. ވުމާ އެކު އެތަނުން ދުރަށް ޖެހިލެވުނީ ބޭއިޙްތިޔާރު ގައެވެ. މިތަން ފެނުމާ އެކު ސައުން ވާހަކަ ދައްކަން ފެށިއެވެ. "ފިރިންނަށް އަނބިން ވަފާތެރި ވާމިންވަރު ތިޔަ ފެނުނީ" "ކޮންމެ އަންހެނަކީ މިކަހަލަ މީހަކަށް ނުވާނެ ކަން ވެސް އެނގޭ" ސައުންގެ ވާހަކަ ތަކުގައިވާ ވޭން އާލިޔާއަށް އެނގޭތީ ހަމްދަރުދީ ވެވުނެވެ. އަދި އިތުރަށް ސުވާލު ކުރާކަށް ބޭނުމެއް ވެސް ނުވިއެވެ. އެހެން ނަމަވެސް މިޝްކާގެ މި މުޑުދާރު އަމަލުގެ ސަބަބުން އަންހެނަކަށް ވެހުރެ ލަދުވެރި ވެވުނެވެ. ހިލޭ ފިރިހެނަކާއި އެކު މިޝްކާ ގައިގޯޅި ކޮން ނަގާފައިވާ ފޮޓޯތައް ފެނުމުން ސައުންގެ ހިތަށް ލިބޭނެ ވޭން އިހުސާސް ކުރެވުނެވެ.

ސައުން ފަދަ އަޚުލާޤް ރަގަޅު ހީވާގި، ރީތި ޒުވާން ފިރިޔަކު ދޫކޮށް މި ފަދަ ކަޝްބީ ތަންމަތި ތަކުން ވަގުތީ އުފާ ހޯދަމުން ދުވާނީ ގޮތެއް ނެތުމުން ކަމަށް ދެކުނެވެ. އަދި މިސްކާ އަކީ މޮޔައެއްގެ ގޮތުގައި އާލިޔާ އަށް ސިފަ ކުރެވުނެވެ. ލޯބިލޯބި ދެކުދިންނާ އެކު އޯގާތެރި ހިތްހެޔޮ ފިރިޔަކާ އެކު ފެށިފައިވާ ތަނަވަސް ދިރިއުޅުމެއްގައި ކޮޅުފައިން ޖަހާނީ ކިހާ މޮޔަ ވީމަ ހެއްޔެވެ؟ ހެޔޮއެދޭ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ސައުންގެ ދިރިއުޅުމާއި ދޭތެރޭ ހަމްދަރުދީ ވެވުނެވެ. އަދި މި ދަނޑިވަޅުގައި ސައުން ނިންމަފާނެ ނުރަނގަޅު ނިންމުމަކާއި ދޭތެރޭކަން ބޮޑުވިއެވެ. ކުޑަކުޑަ ދެ ކުދިންގެ ހައްޤުތަކަށް ލިބިގެން ދާނެ އުނިކަމާމެދު ފިކުރު ބޮޑު ވިއެވެ. އެހެން ކަމުން ސައުންނާއި ވާހަކަ ދައްކައިގެން ހަމައަކަށް އަޅުވައި ވިސްނައިދޭން އާލިޔާ ބޭނުންވިއެވެ.

އާލިޔާ: "ރުޅި އިސްނުކުރާތި، ކައިވެއްޏެގަ ވިއްޔާ މައްސަލަ ޖެހޭނެ. ދިރިއުޅުން ދިރިއުޅު މަކަށް ނުވާނެ މައްސަލަ ނުޖެހެންޔާ!"

ސައުން: "މިއީކީ އަދި ކައިވެނި ތަކުގައި ޖެހޭ ކަހަލަ ކުދި ކުދި ކުންޏެއް ނޫން އާލީޔާ! ހައްލު ކުރެވޭ ވަރުގެ މައްސަލައެއް ނޫން ކަން އާލިޔާއަށް ވެސް އެނގޭނެ. އާލިޔާ އަށް ކެތް ވާނެތަ؟ އާލިޔާގެ ފިރިމީހާ އެހެން އަންހެނަކާއި އެކު މިގޮތަށް އުފާ ހޯދަމުންދާ މަންޒަރު ބަލަން ހަނު ހުރެވިދާނެތަ؟ މި ހުރިހާ ދުވަހު ކެތް ކުރަމުން އައި ކުދިންނަށް ޓަކައި ކައިވެނި ދެމެހެއްޓޭތޯ! ލައްކަ މަސައްކަތް ކުރެވިއްޖެ. ސަބަބު ދެނެގަންނަށް އެތައް ކަމެއް ކުރެވުނު. ދެމީހުންގެ ދެމެދުގައި ކައިވެނީގެ މައުނަވީ އެއްވެސް ގުޅުމެއް ނެތްތާ މިހާރު އަށެއްކަ މަސް ވަނީ ވެފަ. ކެތް ކުރެވޭނީ ވެސް ވަކި މިންވަރަކަށް. ރުޅިގަދަ ކެތް މަދު ފިރިއެއްނަމަ މިހާރު ހުންނާނީ ގެވެށި އަނިޔާކުރާ ފިރިއެއްގެ ލަގަބުގެ ތާޖާއެކު މެޑެލު ޖަހައިގެން ޖަލުގަ ކަން ނޭނގެ."

އާލިޔާ: "އެއްގޮތަކަށް ވެސް ތަޅާ ނުފޮޅާތި. އަނިޔާ ނުކުރާތި. ތިޔަ ދެމީހުން ލޯބިން އުޅޭތަން ފެނި ކޮންމެސް މީހަކު ހަސަދަ ލައިގެން މިޝްކާ ހައްލައި ލައިގެން ދިން ބޮނޑިއެއް ކަމަށް ވާނީ."

ސައުން: "މީހަކު ހަސަދަވެރި ވެދާނެ އެކަމަކު އެމީހެއްގެ ތަރުހީބާ ނުލައި އެ ފެންވަރަކަށް އެ ފަދަ ގުޅުންތައް ތަރައްޤީއެއް ނުކުރެވޭނެ. އަންހެނަކަށްވެ ހުރެ އަންހެނަކު ބަދުނާމު ކޮށް ބަދުބަސް ބުނުމަކީ ހިތް ރުހޭނެ ކަމެއް ނޫންކަން މަށަށް ވެސް އެނގޭ." (ނުނިމޭ)

ފުރަތަމަ ބައި:

ދެ ވަނަ ބައި: