ރާއްޖޭގެ ގައުމީ ދުވަސް އެ ބޭފުޅަކަށް ހާއްސަކުރާ ބޮޑުތަކުރުފާނު ފަސްދާނުވަޑުވާފައިވާ މަގުބަރާއާ ގުޅޭ ޝަކުވާތައް ސޯޝަލް މީޑިއާ އިން ފެނެ އެވެ. ރާއްޖޭގެ ގައުމީ ބަތަލުންގެ ޒިޔާރާތްތަކާއި މަގުބަރާތަކުގެ ތެރެއިން މާލޭގައި ހުންނަ އެފަދަ ތަންތަން ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ހެރިޓޭޖު މިނިސްޓްރީ އަށެވެ. އެކަމަކު އެ މިނިސްޓްރީއަށް އެކަން ނުކުރެވޭ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.
ބޮޑުތަކުރުފާނުގެ މަގުބަރާ ހުންނަނީ ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތިރެރޭގަ އެވެ. މިސްކިތުގެ އުތުރު ފަރާތުގައި ހަދާފައިވާ ދޮރުކޮޅަކީ ބޮޑުތަކުރުފާނުގެ ގަބުރުފުޅު ފަސްދާނުވަޑަވާފައިވާ މަގުބަރާއާ ދިމާލުން ހަދާފައިވާ ދޮރުކޮޅެކެވެ.
ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ދޮރުކޮޅާ ދިމާލުގައި މީދާތަކެއް ކުނިވެ ފުޅަ އަޅާފައިވާ މަންޒަރެވެ. ދޮރުކޮޅާ ދިމާލުގެ ތަޅުން އެއްވެސް ވަރަކަށް ކުނިކަހާ ސާފުކޮށްފައިވާ ކަމަކަށް ނުބެލެވެ އެވެ. މީދާ ކުނިވުމުގެ އިތުރަށް އެތަނުގައި ގިނަ އަދަދަކަށް މީދަލުގެ ނަޖިސް ހުރިކަން ވެސް ފާހަގަކުރެވެ އެވެ.
މިކަމާ ގުޅިގެން ހެރިޓޭޖު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެެކްޓަރު އިސްމާއީލް ނާއިލްއާ ގުޅުމުން ވިދާޅުވީ އެފަދަ ކަމެއްވީ ކަމެއް އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމަކު މަގުބަރާތަކާއި ޒިޔާރަތްތައް ސާފުތާހިރުކޮށް ބޭއްވުމަށް މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މިފުރުސަތުގައި ވެސް އެދެން އާންމުން ވެސް އެފަދަ ތަންތަނަށް އިހްތިރާމު ކުރުމުގެ ގޮތުން ކުނިއަޅައި ތަނުގެ ރީތިކަން ގެއްލޭ ކަންކަން ނުކުރުމަށް،" މީގެ ކުރިން އަލިރަސްގެފާނުގެ ޒިޔާރަތަށް ބަޔަކު ކުނި އަޅާފައިވާ ކަން ފާހަގަކުރައްވަމުން ނާއިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މެދުޒިޔާރަތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި އެމަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އޭގެފަހުގައި ބިހުރޯޒު ކަމަނާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.
ބޮޑުތަކުރުފާނު ފަސްދާނުވަޑުވާފައިވާ މަގުބަރާއާ ދިމާލު ދޮރުކޮޅުގައި މީދާ ކުނިވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަސް ދިވެހިން ފާހަގަކުރީ ގައުމީ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ދުވަހާ ދިމާކޮށް ބިހުރޯޒް މިސްކިތުގެ ގޯތި ތެރެ އެންމެ ފަހުން ސާފުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ހެރިޓޭޖު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ބިހުރޯޒު ކަމަނާ މިސްކިތާއި، އެތަނުގެ އުތުރުފަރާތު ދޮރުކޮޅުގެ ފާރުގެ ކުލަ ފައިބައި އެތަން މިހާރުވެސް ހުރީ ވަރަށް ބޮޑަށް ފެހިޖަހާފަ އެވެ. ދޮރޮކޮޅުގެ ފުރާނުގައިވާ ޓިނުތައް ވެސް ހަލާކުވެ، ދިޔަދޮވި އޮތީ ގަސްތަކުން ފައިބާ ފަތާއި، އެކި ކަހަލަ ކުނިން ފުރިފަ އެވެ.