އީޕީއޭ

ހިޖުރަކުރާ ދޫނި ހިފާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Oct 9, 2021
1

ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ހިފައި ގޯނާކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ ދުނިޔޭގެ އެކި ހިސާބުތަކަށް އަބަދުވެސް ރާއްޖެއަށް އެކި ވައްތަރުގެ ދޫނި ޒިޔާރަތްކުރާ މޫސުމެއް ކަމަށެވެ.

އެފަދަ ދޫނިތަކަކީ ގާނޫނާއި ގަވައިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫނިތަކެއް ކަން އީޕީއޭ އިން ހަނދާންކޮށްދީފައިވެ އެވެ. އެކަމަކު ބައެއް ފަރާތްތަކުން އެފަދަ ދޫނިތަކަށް ގޯނާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އެހެންވެ އެގޮތަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އީޕީއޭ އިން ބުނީ ހިއްކާފައިވާ ބިންތަކާއި، ފުޓުބޯޅަ ދަނޑުތަކާއި، ހާމައަށް ހުންނަ ބިންތަކުގައި މަޅިފައްޗާއި، ދަންތުރަ އަދި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެގޮތަށް އެކަން ނުކުރުމަށްވެސް އީޕީއޭ އިން ނަސޭހަތްތެރިވެފައިވެ އެވެ.

އީޕީއޭ އިން އިތުރަށް ބުނީ ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ދޫނި ތަކަކީ މަދިރި ކޮންޓްރޯލް ކުރުމާއި މަދިރީގެ ސަބަބުން އެކި ކަހަލަ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ދިރުންތަކެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި، މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާއި ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި މި ގާނޫނާއި ގަވައިދުތައް ތަންފީޒުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުން އެދެމެވެ." އީޕީއޭގެ ބަޔާނުގައިވެ އެވެ.