އީރާގުގައި އިއްޔެ އޮތް އާންމު އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. ސިވިލްއޭވިޝަނުން ބުނި ގޮތުން ބޯޑަރުތަކާއި ވައިގެ ސަރަހައްދު ވެސް އޮތީ ބަންދު ކޮށްފަ އެވެ.
ވޯޓްލާ މަރުކަޒުތަކަށް މީހުން ވައްދާފައި ވަނީ ވަރުގަދައަށް ހަށިގަނޑު ފާސް ކޮށްފަ އެވެ. މޮބައިލް ފޯނާއި ސްމާޓް އިލެކްޓްރޯނިކްސްއަށް ބެލެވޭ އެއްވެސް އާލާތްތެއް ވޯޓްލާ މަރުކަޒަށް ވެއްދުން ވެސް އޮތީ މަނާ ކޮށްފަ އެވެ.
ސަލާމަތީ ފިޔަވަޅުތައް މި ފެންވަރުގައި އޮއްވައި ހަތިޔާރު އެޅި ގުރޫޕަކުން ވަނީ ދިޔަލާ ޕްރޮވިންސްގެ ވޯޓްލާ މަރުކަޒަކަށް ބަޑިން ހަމަލާދީ ސިފައިންގެ ދެ އޮފިސަރަކު ޒަހަމް ކޮށްލާފަ އެވެ.
ޕޮލިސް ލެފްޓިނަންޓް ޝައްލާން އަލްކާމިލް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރައްދު ހަމަލާ ދިނުމުގެ ކުރިން ބަޑިޖެހި މީހުން ވަނީ ފިލައިގެން ގޮސްފަ އެވެ. އޭނާ ވިދާޅުވީ އެ ހަމަލާއަކީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުން ދިން ހަމަލާއެއް ކަމަށެވެ.
އީރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޒިމީ ވިދާޅުވީ މާބޮޑު ހަމަނުޖެހުމެއް ނުހިނގައި ވޯޓްލުން ނިންމާލެވިފައި ވާތީ އުފާފުޅު ކުރައްވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވޯޓުލުން އަވަސް ކުރެއްވީ މަސްލަހަތަށްޓަކައި ކަމަށާއި އަންނަ އަހަރަށް ފަސް ކުރަން ވެސް މީހުން ނަސޭހަތްތެރިވި ކަމަށެވެ.
އީރާގުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުން 40 މިލިއަން އާބާދީގައި 24 މިލިއަން މީހުން ވޯޓުލުމަށް ޝަރުތު ހަމަވެ އެވެ. ވޯޓުލީ ޖުމުލަ އަދަދު މިއަދުގެ ވަގުތެއްގައި ސާފުވާނެ އެވެ. ވޯޓުލުން ހިނގަމުންދާ ގޮތް ބެލުމަށް ބައިނަލްއަގުވާމީ 877 އޮފިޝަލުން ވަނީ ހަރަކާތެރިވެފަ އެވެ.
އެމެރިކާ ސިފައިން 2003 ގައި އީރާގަށް އަރައި ސައްދާމް ހުސައިން ވެރިކަމުން ދުރުކުރި ފަހުން އީރާގުގައި އާންމު އިންތިހާބެއް ބޭއްވި މިއީ ތިންވަނަ ފަހަރެވެ.
ސަރުކާރު ހިންގުމަށް ކޯލިޝަން ހަދައިގެން ނުކުމެ ތިބި ޕާޓީތައް ގިނަކަމުން މަސްލަހަތު އޮތީ ޚަރާބުވެފަ އެވެ. މިފަހަރު ވޯޓުލުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހުނީ ވެސް މި ސަބަބާ ހެދި އެވެ.