އިރާގުގެ ބަޣްދާދުގައި ދެ ބޮމާއެކު ޖާނު ގޮއްވާލައިގެން ދިން ހަމާތަކެއްގައި 32 މީހަކު މަރާލައިފި އެވެ. މި ހަމަލާދީފައި އެވަނީ އީރާގުގައި މިފަދަ ހަމަލާއެއް ނުދޭތާ ދެތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ. ހަމަލާތައް ދީފައިވަނީ ދެ މީހެއްގެ ގައިގާ ގޮވާތަކެތި ހަރުކޮށް ބައިބޯ މާރުކޭޓަކަށް ވަދެ އަމިއްލަ ޖާނު ގޮއްވާލައި މަރުވެގެންނެވެ.
އިރާގީ ނިއުސް އޭޖެންސީ ބުނާ ގޮތުން އިތުރު 110 މީހަކަށް އެކިވަރުގެ ޒަހަމްތަކާއި އަނިޔާތައް ލިބިފައިވެ އެވެ.
އިރާގު ސިފައިންގެ ސްޕޯކްސްމަން، މޭޖާ ޖެނެރަލް ޔަހްޔާ ރަސޫލް ވިދާޅުވީ ހަމަލާދީފައި އެ ވަނީ ހަމަލާއެއް ދޭން އުޅޭ ކަމަށް ޝައްކު ކުރެވިގެން އެބަކު ހޯދުމަށް ފުލުހުން ނިކުމެ އުޅެނިކޮށް ކަމަށެވެ. އިންޓީރިއާ މިނިސްޓްރީން ބުނީ ޖާނު ގޮއްވާލި އެކަކު މާރުކޭޓުގައި އުޅުނީ ބަލި މީހަކަށް ހެދިގެން ކަމަށާއި އޭނާއަށް އަޅާލަން މީހުން އެއްތަންވީތަނުން ބޮން ގޮއްވާލީ ކަމަށެވެ.
ބަޣްދާދުގައި ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނުނަގަ އެވެ. އިރާގުގެ ރައީސް ބަރްހަމް ސޯލިހް ވިދާޅުވީ އީރާގު ހޮޔެ ފާލަކަށް އެޅެމުންދާތަން ބަލަން ކެތް ނުވާ ބަޔަކު ވެސް އުޅޭ ކަމަށެވެ.
އީރާގު އިންޓީރިއާ މިނިސްޓްރީ ސްޕޯކްސްޕާސަން، ޚާލިދު މެހާނާ ވިދާޅުވީ ހަމަލާ ދިނީ އައިސިސް ނޫން ބަޔަކަށް ނުވާނެ ކަމަށެވެ.
މެދުއިރުމަތީ ބައެއް ގައުމުތަކުގައި 2017 ގައި އައިސިސް ވަނީ ވަރަށް ބާރުގަދަ ކޮށްފަ އެވެ. އެހެން ނަމަވެސް ގައުމުތައް ގުޅިގެން ކުރި މަސައްކަތްތަކުގައި އައިސިސްގެ ބާރު ކަނޑުވާލެވިފައި އޮތް ނަމަވެސް އެ ބައިނގަޑު އަދި ވެސް އުޅެ އެވެ. ބަޣުދާދުގައި ދިން ފަދަ ހަމަލާތަކަކަކީ އެމީހުން އަދި ވެސް އުޅޭކަން އަންގާލަން ދޭ ހަމަލާތަކެކެވެ.