ލީބިޔާގެ ޚާރިޖީ ވަޒީރު ނަޖްލާ މަންޖޫޝް އަމިއްލަ ފުޅަށް ކަންކަން ނިންމަވާ ކަމަށް ސަރުކާރު ހިންގާ ރިޔާސީ ކައުންސިލުން ބުނި ބުނުން އެކަމަނާ ދޮގުކުރައް ވައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަޖްލާ މިވަގުތު ހުންނެވީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ގޮތަށް އެކަހެރިކޮށްފަ އެވެ. އެއީ 1988 ގައި ސްކޮޓްލޭންޑްގެ ލޮކަބީ މަތިން ދަތުރު ކުރަނިކޮށް ގޮއްވާލި އެމެރިކާގެ ޕޭން އޭމް މަތިންދާބޯޓުގައި ހަރުކުރި ބޮން އުފެއްދި ކަމަށް ބުނާ އަބޫ އަޖައިލާ މުހައްމަދު މަސްއޫދު އެމެރިކާއާ ހަވާލުކުރެވިދާނެ ކަމަށް އެކަމަނާ ވިދާޅުވުމުންނެވެ.
ނަޖްލާ ބީބީސިއަށް ދެއްވި އިންޓަވިއުރެއްގައި ވިދާޅުވި ކަމަށް ވަނީ މަސްއޫދު އެމެރިކާއަށް ފޮނުވާލުމުގައި ޓްރިޕޮލީ އޮތީ އެމެރިކާއަށް އެއްބާރުލުންދޭ ގޮތަށް ކަމަށެވެ.
ލޮކަބީ ހަމަލާގައި މަތިންދާބޯޓުން ދަތުރުކުރި 270 މީހުން ވަނީ މަރުވެފަ އެވެ. ފަޅުވެރިންގެ ތެރޭގައި ގިނައީ އެމެރިކާ މީހުންނެވެ. އިނގިރޭސިން ވެސް ހިމެނެ އެވެ.
އެމެރިކާއާ ލީބިޔާއާ ދެމެދު އުފެދުނު މިމައްސަލާގައި އެމެރިކާއިން ލީބިޔާއަށް ބޮންއަޅައި ޓްރިޕޮލީގެ ބިނާތައް ފަނާކުރި އެވެ. އަދި ލީބިޔާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އެވެ.
ލީބިއާއިން 2003 ގައި މިހަމަލާގެ ޒިންމާ ނަގައި އާޢިލާތަކަށާއި އެއާލައިނަށް ބަދަލުދިނެވެ. އެހެން ނަމަވެސް ދެގައުމުގެ ދެމެދުގައި އުފެދުނު ހޫނުކަން އަދި ވެސް ފިލައިގެން ނުދެ އެވެ.
ރިޔާސީ ކައުންސިލުން މަންޖޫޝް 14 ދުވަހަށް އެކަހެރި ކުރުމަށް ވަނީ ނިންމާފަ އެވެ. ކައުންސިލުން ބުނި ގޮތުން ދާޚިލީ ކަންކަން ނިންމެވުމުގައި އިދާރީ ގޮތުން ޚިލާފުވުންތަކެއް ހުރި ކަމަށެވެ.
އެހެން ނަމަވެސް ލީބިޔާގެ ސަރުކާރުން ވަނީ ރިޔާސީ ކޮމިޝަންގެ ނިންމުމާ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނީ ޚާރިޖީ ވަޒީރު އާދައިގެ މަތިން އެކަމަނާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
މަންޖޫޝް ބަޔާނެއް މެދުވެރިކޮށް ވިދާޅުވީ ލޮކަބީ ބޮމުގެ ހަމަލާގައި މަރުވި މީހުންނާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވި ކަމަށެވެ. އެހެން ނަމަވެސް ގައުމީ މަސްލަހަތު ގެއްލޭ ފަދަ ވާހަކައެއް ވިދާޅުނުވާ ކަމަށެވެ.