ވިޔަފާރި

800 އަށް ވުރެ ގިނަ ކުންފުނި އުވާލަނީ

އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވެފައިވާ ކުންފުނިތަކުން، ދެން އެފައިސާ ސަރުކާރަށް ނުލިބޭނެ ކަމަށް ނިންމައި އެފަދަ ކުންފުނިތައް އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިިފި އެވެ.

ބިޒްނަސް ރަޖިސްޓްރޭޝަން އާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ދައްކަން ޖެހޭ އަހަރީ ފީ އާއި އަހަރީ ރިޕޯޓްތައް ހުށަނޭޅިގެން ދައްކަންޖެހޭ ޖޫރިމަނާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދައުލަތަށް ނުލިބޭނެ ކަމަށް ނިންމައި ފިނޭންސް މިނިސްޓްރީގެ ހުއްދަ އާއި އެކު އެކުން ފުނިތައް އުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދު މި ކުރަނީ ކުރިއަށް މިއޮތް ހަމަސް ދުވަހުގެ ތެރޭގައި 800 އެއްހާ ކުންފުނި މި ޕްރޮސެސްގެ ދަށުން އުވާލެވޭނެ ކަމަށް. މި ކުންފުނިތަކަކީ ރަޖިސްޓަރީ ކޮށްފައި އެކަމަކު އެއްވެސް ކަހަލަ އާމްދަނީ އެއް ނުލިބޭ ކުންފުނިތައް." ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން 30 ނޮވެމްބަރާއި ހަމައަށް ގާތްގަނޑަކަށް 31 ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

"މިހުރިހާ ކުންފުންޏަކުން ކުރިއަށް މިއޮތް ފަސް އަހަރު ޖުމްލަ 1.3 ބިލިއަން ޑޮލަރު މޮބަލައިޒް ކުރާނެ ކަމަށް ބުނެ އެޕްލިކޭޝަން ހުށަހަޅާފައިވަނީ" ވިސާމް ވިދާޅުވި އެވެ.

މި ކުންފުނިތަކުގެ 80 އިންސައްތައަކީ ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއް ކުންފުނިތަކަކީ ހޯލް ސޭލް ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ. އަދި މަދުން ނަމަވެސް ކޮންސަލްޓެންސީ ފާމްސްތައް ހިމެނޭ ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ ކުރިއަށް މިއޮތް އަހަރު ތަކުގައި އެކުންފުނިތަކުން 800 ވަޒީފާ އުފައްދާނެ ކަމަށް ލަފާކުރެވެ އެވެ.