ސާފް ޗެމްޕިއަންޝިޕް

ޓިކެޓް ހޯދަން ދިވެހީން މަރުދެނީ

ރާއްޖޭގައި މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ގަންނަން ގިނަ ބަޔަކު ކިއު ހަދައިފި އެވެ.

މި މެޗުގެ ޓިކެޓް ގަންނަން މިއަދު ހެނދުނުން ފެށިގެން ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑުގެ އޮލިމްޕަސް ކުރިމަތީގައި ހުންނަ ޓިކެޓް ކައުންޓަރު ކައިރީގައި ކިއު ހަދާފަ އެވެ. ގިނަ ބަޔަކަށް ބެލެވިފައި އޮތީ ބުދަ ދުވަހު އޮންނަ މި މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށާ ކަމަށެވެ.

ރާއްޖެ-އިންޑިއާ މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައި އޮތީ މާދަމާ އެވެ. އެކަމަކު ހުރި ފޯރީގައި ގިނަ ބަޔަކަށް އޮޅިގެން މިއަދު ޓިކެޓް ގަންނަން ދެވުމުން އެފްއޭއެމް އިން ވަނީ ޓިކެޓް ވިއްކަން ފަށާނީ މާދަމާ ކަމަށާއި، ޓިކެޓް ވިއްކާ ގަޑި އާއި ތަން ފަހުން އިއުލާނު ކުރާނެ ކަމަށެވެ. އެއާއި އެކު ކިއު ހަދައިގެން ތިބި މީހުން ވަނީ އެ ސަރަހައްދު ދޫކޮށްފަ އެވެ.

އިއްޔެ ހަވީރު ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗަށް ޓިކެޓް ގަންނަން ގިނަ ބަޔަކު ދިޔަ ނަމަވެސް އެމީހުން ކިއުގައި ތިއްބާ ޓިކެޓް ވިކި ހުސްވީ އެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އެ ސަރަހައްދުގައި ހަޅުތާޅު ކުރަން ފެށުމުން އިތުރު 1،000 ޓިކެޓް ވިއްކަން އެފްއޭއެމް އިން ނިންމި އެވެ. އެރޭ 8:00 ޖެހީރު ސޯޝަލް ސެންޓަރުގައި ވިއްކަން ހަމަޖެހިފައިވާ ޓިކެޓް ގަންނަން ގިނަ ބަޔަކު ވަނީ މެނދުރު ފަހު ދޭއް ޖެހީރުން ފެށިގެން ކިއު ދަމާލާފަ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން އެފްއޭއެމް އިން ބުނީ ޓިކެޓް ވިއްކަމުންދާ ތަނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ގިނަ އަދަދެއްގެ ޓިކެޓް ވިއްކުމަށް ކަމަށެވެ.

ޓިކެޓްގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އަލުން މަސްއޫލިއްޔަތާއި ހަވާލުވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ރައްޔިތުންނަށް ފަސޭހަ ވާނެ އަދި ގިނަ ބަޔަކަށް ޓިކެޓް ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން އެފްއޭއެމް އާއި އެކު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ބެލެވޭ ގޮތުގައި މާދަމާ ޓިކެޓް ވިއްކާނީ ގިނަ ކައުންޓަރު ތަކެއް ހަދައިގެން ސޯޝަލް ސެންޓަރުގަ އެވެ.