ސާފް ޗެމްޕިއަންޝިޕް

ޓިކެޓް ކިއުގައި މާރަމާރީ ހިންގައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ޓިކެޓް ގަންނަން ހަދާފައިވާ ކިއުގައި މާރަމާރީ ހިންގައިފި އެވެ.

މާދަމާ އޮންނަ މެޗަށް ޓިކެޓް ގަންނަން ގިނަ ބަޔަކު މިހާރު ވަނީ ސޯޝަލް ސެންޓަރު ކައިރީގައި ކިއު ހަދާފަ އެވެ. އެގޮތުން ސޯޝަލް ސެންޓަރު ކައިރީގައި ހަދާފައިވާ ކިއު މިހާރު ވަނީ އައިޖީއެމްއެޗާ ހަމައަށް ދެމިފަ އެވެ.

މާރާމާރީގެ މަންޒަރު ދުށް މީހުން ބުނީ ބުނީ މާރަމާރީ ހިންގީ ސައިކަލު ތަކެއްގައި އެތަނަށް ދިޔަ ބަޔަކު ކަމަށެވެ. އަދި ކިއުގައި ހުރި މީހަކާއި ވާހަކަ ދެއްކުމަށް ފަހު ދެބަސްވުން ތަކެއް އުފެދުމުން ކިއުގައި ހުރި މީހާ ގައިގައި ރެންޗަކުން ތަަޅައިގެންފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ސްޓޭޑިއަމްގަ އެވެ. މިއީ މުބާރާތުގެ ލީގު ބުރުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.

އެފްއޭއެމް އިން ބުނީ ބުދަ ދުވަހުގެ މެޗަށް މިއަދު ޓިކެޓް ވިއްކަން ފަށާއިރު، މީހަކަށް ވިއްކާނީ އެންމެ ގިނަ ވެގެން ދެ ޓިކެޓް ކަމަށެވެ.
މީގެ ކުރިން ވިއްކަމުން އައީ އެންމެ ގިނަ ވެގެން މީހަކަށް ފަސް ޓިކެޓެވެ. ބުދަ ދުވަހުގެ މެޗަށް ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ ސޯޝަލް ސެންޓަރުގަ އެވެ.

އެތަނުގައި ތިން ކައުންޓަރު ބަހައްޓައިގެން 3،000 ޓިކެޓް ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވެ އެވެ. އަވޭ ޓީމު (އިންޑިއާ) ސަޕޯޓަރުންނަށް ވިއްކާނީ 200 ޓިކެޓެވެ. މި ޓިކެޓު ތައް ވިއްކާނީ ގަލޮޅު ދަނޑުގައި ހުންނަ ކައުންޓަރު ތަކުންނެވެ. ޓިކެޓް ވިއްކަން ފަށާނީ މިއަދު ހެނދުނު 10:00 ޖަހާއިރު އެވެ.