ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

Oct 11, 2021
11

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖެއިން ބޭރުގައި ފަސް މަސް ދުވަހު ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރައީސް ނަޝީދަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރައީސް ސޯލިހާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުމެއް އުފެދިފައިވީ ނަމަވެސް އެއާޕޯޓުން ފެނުނީ ދެ ބޭފުޅުންގެ ފަރާތުންވެސް ގާތްގުޅުމެކެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވި ނަމަވެސް މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް މެއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެފަހުން އެމަނިކުފާނު ދިރިއުޅުއްވީ އިނގިރޭސިވިލާތުގަ އެވެ.

ރައީސް ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވީ ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްފަހު ދުބާއީ މަގުންނެވެ.

ރާއްޖެއިން ބޭރުގައި ހުންނެވީ އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގައި ނެތުމުން ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ހަމަލާއާއި ގުޅިގެން ރައީސް ނަޝީދު ހަށިކޮޅަށް 10 ރޭޒަ ފުށް ވަދެ ބޮޑެތި އަނިޔާތަކެެއް އެމަނިކުފާނަށް ލިބުނެވެ. ނަމަވެސް މިހާރު ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅު ކަމަށާއި އެކަމަކު ކަނާއަތުގެ ދެ އިނގިލީގައި މައްސަލައެއް އުޅޭ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެން ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. އެގެކޮޅުގައި ރައީސް ނަޝީދު ދިރިއުޅުއްވާނަމަ ސެކިއުރިޓީ ދިނުމަށް ދަތިވާ ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިރިއުޅުއްވުމަށް މ. މުރައިދޫގެ ހާއްސަކޮށް، އެގެކޮޅު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.