ޣައްޒާގެ އައްސޭރި ފަށުގައި ފެންމަތީގައި އޮންނަ ގޮތަށް އެމެރިކާ ސިފައިން ހެދި ބަނދަރުގެ މަސައްކަތް ނިންމައި ޣައްޒާއަށް އެހީ އެތެރެކުރަން ފަށައިފި އެވެ.
ޣައްޒާގެ ހުޅަނގު ފަރާތުގައި ކަނޑަށް ވާ ގޮތަށް ބަނދަރެއް ހަދަން ޖެހުނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެއްގަމު މަގުން ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތައް ދެމެހެއްޓިނިވި ގޮތުގައި ކުރިއަށް ނުގެންދެވުމުގެ ސަބަބުންނެވެ.
އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގަނެ ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންގައި، ޣައްޒާއަށް މުދާއުފުލާ ލޮރީތަކަށް ހަމަލާދިނުމާއި، އެހީ ހިފައިގެން ޣާއްޒާއަށް ވަންނަންދާ ލޮރީތައް ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައި -- ޣައްޒާއަށް އެހީ ވެއްދުން ލަސްކުރުމަކީ ވެސް ކަނޑުގައި ބަނދަރެއް ހަދަން ޖެހުނު ސަބަބެކެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓްގަންއިން ބުނާ ގޮތުން، ބަނދަރު މެދުވެރިކޮށް ފުރަތަމަ ޝިޕްމަންޓައް ޣައްޒާއަށް މިހާރު ވަނީ އެތެރެކޮށްފަ އެވެ. ޕެންޓަގަނުން ރާވާފައި އޮތް ގޮތަށް ޣައްޒާއަށް އެހީ ވެއްދޭ ނަމަ ދުވާލަކު 150 ލޮރީ ބަރާކޮށް މުދާ އެތެރެކުރެވޭނެ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.
އިންސާނީ އެހީ ފޯރުކޮށްދިމުގައި ހަރަކާތްތެރިވާ އޮފިޝަލުން ވިދާޅުވާ ގޮތުން، ޣައްޒާއަށް ބޭނުންވާ ހުރިހާ އެހީއެއް ކަނޑުމަގުން އެތެރެ ނުކުރެވޭނެ އެވެ. ބޯފެނާއި ބޭސްފަރުވާ އެތެރެކުރުމަށްޓަކައި އެއްގަމު މަގުތައް ހުޅުވޭތޯ މަސައްކަތްކުރަން ޖެހޭ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ޕެންޓަގަނުން ބުނި ގޮތުން ބަނދަރުގެ މަސައްކަތްތައް ރަނގަޅަށް ހިނގަން ފެށުމުން އެމެރިކާ ސިފައިން އެ ސަރަހައްދުން ފައިބާނެ އެވެ. އަދި ބަނދަރު ހިންގުމުގެ ހުރިހާ ޒިންމާއެއް އދގެ އެހީދޭ އެޖެންސީން ހިިންގާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޣައްޒާގައި ބަންދު ހަދަމުން ދިޔައިރުވެސް، އެމެރިކާ ސިފައިންގެ އެކަކުވެސް ޣައްޒާއަށް އަރައި އަވަށު ތެރެއަށް ގޮސްފައި ނުވާ ކަމަށްވެސް ޕެންޓަގަނުން ބުނެ އެވެ.
ކަނޑު މަގުން ޣައްޒާއަށް އެހީ ވަންދަން ފެށުމަކީ ލިބުނު ލުޔެއް ކަމަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނެ އެވެ. ނަމަވެސް، އެއްގަމު މަގުންނާއި ވައިގެ މަގުން އެހީ ފޯރުކޮށްދިނުން މި ވަގުތަށް ވަރަށް މުހިންމު ކަމަށްވެސް އެހީ ފޯރުކޮށްދޭ އޮފިޝަލުން ވިދާޅުވެ އެވެ.
ޣައްޒާއަށް ކަނޑު މަގުން ވައްދާ އެހީ ބެހުމަށް ހަމަޖެހިފައި ވަނީ ގުދަންތަކަށް ވެއްދުމަށް ފަހު އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގުދަންތަކަށް ވައްދާފައި ހުރި އެހީތައް، ހުކުރު ދުވަސް ނިމުނުއިރުވެސް ބަހަން ފަށާފައެއް ނުވެ އެވެ.