ރާއްޖެއަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއް ކަމުގައި ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ ސެކްރެޓަރީ ޖެނެރަލް ޒުރަބް ޕޮލޮލިކަޝްވިލި ވިދާޅުވެއްޖެ އެވެ.
ޒުރަބް މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވި ބައްދަލުުވުމުގަ ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަަލުވުމުގައި ޒުރަބް ވަނީ ޓޫރިޒަމް ތަރައްގީ ކުރުމުގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ކޯވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެއަށް ޓޫރިޒަމަށް ހުޅުވާލި އަވަސްމިނާއި އެކަމުގައި ރާއްޖެއިން ގެންގުޅެފައިވާ ސިޔާސަތު ފާހަގަކުރެއްވި އެވެ.
ޒުރަބް ވިދާޅުވީ ޑަބްލިއުޓީއޯގެ ފަރާތުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެ އަކީ ކުޑަ ގައުމެއް ކަމުގައިވިޔަސް، ރާއްޖެ އަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްގީ ކުރުމަށް ވަރަށް އެކަށޭނަ މަންޒިލެއް ކަމުގައި ފާހަގަކުރެއްވި އެވެ.
ޒުރަބްގެ ވާހަކަފުޅުގައި ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކެއް ވެސް ހިއްސާކުރެއްވި އެވެ. އަދި ޑަބްލިއުޓީއޯގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މިބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި މުސްތަގުބަލުގައި ކުރެވެންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންގަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓާ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ފޮރިން ރިލޭޝަންސް އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވި އެވެ.