ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހިތްވަރު ދެއްވައިފި އެވެ.
ހުކުމަކާއި ގުޅިގެން ގޭ ބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވީ ކުޅުންތެރިން ޕްރެކްޓިސްއަށް ދިޔަ ވަގުތާއި ދިމާކޮށެވެ. ސިފައިންގެ ސެކިއުރިޓީގައި ބަހުގައި ކުޅުންތެރިން ދަތުރުކުރަނީ ބޮޑުތަކުރުފާނު މަގުންނެވެ.
ޓީމުގެ ކުޅުންތެރިން ދަތުރުކުރި ވަގުތާއި ދިމާކޮށް ރައީސް ޔާމީން ވަނީ ގެކޮޅުގައި ހުންނަވައިގެން ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާފައެވެ. އޭރު އެމަނިކުފާނު ހުންނެވީ ގައުމީ ޖާޒީއެއްގައެވެ.
ބަހުގައި ތިބި ދިވެހި ކުޅުންތެރިންވެސް ވަނީ ރަައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާފައެވެ. އެ ކުޅުންތެރިންގެ މޫނު މަތިން އުފާވެރިކަން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ބޮޑު ގައުމީ ދިދައެއްވެސް މިރޭ ވަނީ ނަގާފައެވެ.
ތޭރަ ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޔާމީން މީގެ ކުރީންވެސް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ މުބާރާތް ކުރިއަށްދާ 16 ދުވަހު ހުރިހާ ރައްޔިތުން ގައުމީ ރޫހުގައި ތިބެ ގައުމީ ޓީމަށް ހިތްވަރު ދެއްވުމަށް އެދިވަޑައިގެންފައެވެ.
މުބާރާތުގައި މާދަމާ ރާއްޖެ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މީގެ ކުރީން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ރާއްޖެ ވަނީ ކުރިއަށް ދިއުމަށް މަގު ފަހިކޮށްފައެވެ.