އަންނަ މަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅާ ޓީމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެޔޮއެދުންތައް ފޮނުވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީނާއި އެ ކޯލިޝަންގެ ފަރާތުން ގައުމީ ޓީމަށް އެދެނީ ކާމިޔާބު ކަމަށެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ވަރަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކޮށް އެ ބޭފުޅުންނަށް ރައީސް ޔާމީން މަރުހަބާ ދަންނަވާ ކަމަށެވެ.
"މިއަހަރުގެ އޮކްޓޯބަރު 1 އިން 16 އަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިގެން ދާއިރު، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މި މުބާރާތުން ރާއްޖެ ހޯދި ފަދަ ފަހުރުވެރި ކާމިޔާބަކަށްވެސް އެމަނިކުފާނު އެދިވަޑައިގަންނަވައެވެ. ހަމައެއާއެކު ސާފް ޗެމްޕިއަންޝިޕްގެ ތަށި ތިން ވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅާ ޓީމުން ނުކުންނަ އިރު އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށާއި އަދި ހިތްހަމަނުޖެހުންތަކާއި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް މި 16 ދުވަހަކީ ގައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށާއި އަދި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެންދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ގައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ދެންނެވީމެވެ،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.
"ތިން ވަނަ ފަހަރު މީ އެ ފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ގައުމީ ޖޯޝާއި ފޯރީގައި ދިވެހި ގައުމީ ފުޓުބޯޅާ ޓީމަށް ހިތްވަރު ދިނުމުގައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އޮތީ ތައްޔާރަށް ކަމަށްވެސް ބުންޏެވެ.