ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ޒުވާނުންނަށް ހާއްސަކޮށްގެން "ސްޕޯޓްސް ކެފޭ" އެއް ހުޅުވަން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
ޕީޕީއެމްގެ ލޯޔަލިޓީ ކާޑް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިދިކޮޅުގެ ފަންޑްރައިސިން ގައި އިސްކޮށް ހުންނެވި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމަށް ޒަމާނީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެ ބަދަލުތައް ގެނައުމަށް ކަމަށާ ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައި ހިންގަމުންދާ ސިޔާސީ ޕާޓީތަކުން ގެންނަމުންދާ ހެޔޮ ބަދަލުތައް ޕީޕީއެމަށް އަންނަމުންދާނެ ކަމަަށެވެ.
ސައީދު ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް "ސްޕޯޓްސް ކެފޭ" އެއް ހުޅުވުުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ޒުވާނުންގެ ވިސްނުމާ އެއްގޮތަށް އަދި އަޅުގަނޑުމެންގެ އޮންްނަ ގުޅުން ބަދަހި ކޮށް އަޅުގަނޑުމެންގެ ފަންޑް ރައިސިންއަށްވެސް އިތުރު ކުރިއެރުންތައް ގެނައުމަށް 'ސްޕޯޓްސް ކެފޭ' އެއް ނުވަތަ ކެފޭއެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިންޓްރޮޑިއުސް ކުރާނަން،"
އަދި ޕީޕީއެމް އާއި ޕީޕީއެމްގެ ސަރުކާރު ޕްރޮމޯޓް ކުރުމަށް ކުރިއަށް އޮތްތާ ތަފާތު މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްގެ ލޯގޯ ހިމެނޭ މާސްކާއި ޓީޝާޓް އަދި ޕީޕީއެމްގެ ވެރިކަމުގައި ހިންގާފައިވާ މުހިންމު މަޝްރޫއުތައް ރަމްޒުކޮށްދޭ ގޮތަށް ބައެއް އުފެއްދުންތައް ގެންނާނެ ކަމަށެވެ.
"މެންބަރުން އެބަ އެދޭ ޕީޕީއެމްގެ މާޗިން ޑައިސް ލިބެން ބޭނުމޭ ތިމަންނަމެން. ޕީޕީއެމް މާސްކް، ޕީޕިއެމް ޓީޝާޓް. އަދި މިސާލަކަށް ދަރުމަވަންތަ ހޮސްޕިޓަލް އެ ތަން ފެނުނީމަ އަޅުގަނޑުމެންނަށް ހަނދާންވަނީ ރައީސް ޔާމީން. ބްރިޖުން ދިޔައީމަ ކޮންމެ ލޭނަކުން ދިޔަޔަސް ސައިޑް ވޯކެއްގައި ޖޮގިން ކޮށްލަން ދިޔަޔަސް އަޅުގަނޑުމެންނަށް ރައީސް ޔާމީންގެ ހަނދާންތައް އެބަ އާވޭ. ދެވަނަ ރަންވޭގައި ކިތަންމެ ބޮޑު ބޯޓެއް ޖެއްސިޔަސް ކުޑަ ބޯޓެއް ޖެއްސިޔަސް، ރާއްޖޭގެ ފަތުުރުވެރިކަން ހަތް މިލިއަނަށް ދެން ކޮންމެ ދުވަހަކުން ދިޔަޔަސް އަޅުގަނޑުމެންނަށް ހަނދާން އާވެ ރައީސް ޔާމީން. އަދި ވިޔަފާރި ބަދަރެއް ހެދިޔަސް، މާލެ އާއި ވިލާމެލެ ގުޅާލިޔަސް ދެން ހަދާންވާނީ ރައީސް ޔާމީން. އެ ތަރައްގީގެ ޗެލެންޖްގެ ބާ ރެއިސް ކޮށްދެއްވައިފި ރައީސް ޔާމީން. އެހެންވީމަ އަޅުގަނޑުމެންގެ މެންބަރުން އެބަ ވިދާޅުވޭ އެ ތަންތަން ޓީޝާޓެއްގައި ޖަހާލަން ކީއްހޭ،" ތަރަައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގި ދުވަސްވަރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ސައީދު ވިދާޅުވިއެވެ.