އުދައެރުމުގެ މައްސަލަބޮޑުވެގެން ބުރިކޮށްލި ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން އަޅަން އަންނަ ހަފްތާގައި ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެެވެ.
އަސްލަމް އެފަދައިން ވިދާޅުވީ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ފިރުޝާން ސާފުކުރައްވަން ބޭނުންވެލެއްވީ ކޯޒްވެ އަމަލީ މަސައްކަތް ފެށޭނެ ތާރީހާއި މަޑަވެލީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ރާވައިފައި އޮތް ގޮތެވެ.
ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ކޯޒްވޭގެ ޓެންޑާ ޕްރޮސެސް މިހާރު ނިމިފައިވާ ކަމަށާއި އަދި އެ ކޮންޓްރެކްޓްގައި ސޮއިކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
".... ޓެންޑާ ޕްރޮސެސް ނިމި އަޅުގަނޑުމެން ސޮއިކުރުމާ ހިސާބުގައި މިއޮތީ. ދެން އަޅުގަނޑުމެންނަށް ހުއްދަ ލިބުމާއެކު މަސައްކަތް ކުރުމަށް މިދަނީ ކޮންޓްރެކްޓްގައި ސޮއިކުރުމަށް. އަޅުގަނޑު އިއްޔެ ރާއްޖެއަށް މިއައި. އިރާދަކުރެއްވިއްޔާ އެ ޕްރޮޖެކްޓްގައި އަޅުގަނޑު ދަންނަވާހިތް އޮތީ މި އަންނަ ހަފްތާގައި ސޮއި ކުރާނަމޭ. އަޅުގަނޑު އެ މަސައްކަތް ކުރިއަށް ގެންދާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ އެތައް ބަޖެޓުން 29 މިލިއަން ހަރުދުކޮށް ހެދި މަޑަވެލި ކޯޒްވޭ 2018 ވަނަ އަހަރުވެސް ހޯޑެއްދޫ ރައްޔިތުން ނުކުމެ ކަނޑާލި އެވެ. އަދި އޭގެ ފަހުން އެ ކޯޒްވޭ އަލުން މަރާމާތުކޮށް ގުޅުވާލިފަހުން މިިދިޔަ އޮގަސްޓު މަހު ވަނީ ކޯޒްވޭގެ ހޯޑެއްދޫ ސަަރަހައްދުން ބައެއް އަނެއްކާވެސް ބުރިކޮށްލައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން މިދިޔަ މަހު ބުނީ އަލުން ކޯޒްވޭ ހަދާަނީ އުދައެރުމުގެ މައްސަލައަށް ރިއާޔަތްކޮށް އެ މައްސަަލަތަކަށް ހައްލުގެނެވޭފަދަ ގޮތަަކަށް ބަލައި މުޅިން އާ ޑިޒަައިނަކަަށް ކަމަށެވެ.
މަޑެވެލީގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުންވެސް މިނިސްޓަރު މިއަދު ސާފުކޮށްދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް ބިންހިއްކުމުގެ ޑިމާންޑް ވަރަށް ބޮޑަށް އެބައޮތް ކަަމަށާއި އަދި މަޑަވެލިވެސް ބިން ހިއްކުމަަށް ބޭނުންޖެހިފައިވާ ކަަމަށެވެ. އެހެން ނަަމަވެސް މަޑަވެލީގެ ބަނދަރާއެކީގައި ބިން ހިއްކުމުގެ މާބޮޑު މަސައްކަތެއް ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އެ ރަށުގެ ބިންހިއްކުން މިހާރަށް ވުރެ ރަނގަޅަށް ޕްލޭންކުރަން ޖެހޭ ކަމަށެވެ.
" އަދި [މަޑަވެލީގެ] ވަށައިގެން ހުރި ރަށްތައްވެސް އެއީ އެރަށުގެ ބަޔަކަށް ހަދާފަ އެ ބިން ޔޫސްކުރުން (ބޭނުންކުރަން) އަޅުގަނޑު އަބަދުވެސް ވަކާލާތުކުރަން. ކައިރީގައި އެބައޮތް ފަޅުރަށް ދެ ރަށެއްވަރު. އެއީ އެރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގުޅުވާލައިފައި ކަމަށް ވަންޏާ ރަށުގެ ބައެއްގެ ގޮތުގައި ބޭނުން ކުރެވޭނެ. އިތުރު ލޭންޑް ރިކްލަމޭޝަން އެހާ ބޮޑުނުކޮށް. " މިނިސްޓަރު ވިދާޅުވި އެވެ.