ރައީސް މުހައްމަދު ނަޝީދު

ބަރުލަމާނީ ވާހަކަ ނަޝީދު ނުދެއްކެވި

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާ ބޮޑު ސަމާލު ކަމެއް ނުދެއްވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ކުރަމުންދާ މަސައްކަތްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އިތުރަށް އެކަމާ ގުޅިގެން އެއްޗެއް ދެންނެވޭނީ ވެސް ރައީސް ސޯލިހާއި އެކަމާ ގުޅޭ ގޮތުން ފުރިހަމައަށް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. ވެރިކަމުގެ ނިޒާމް އޮންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި ދައުރު ބޮޑުކޮށް އޮންނަ ގޮތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން އެހެން ނޫސްވެރިޔަކު ވެސް މި މައުލޫގައި އަޅުގަނޑު ގާތުގައި ސުވާލެއް ކުރައްވައިފި ނަމަ އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރާނީ ހަމަ މި ޖަވާބު،" ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ޖަވާބާއި އެކީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކުމަށް އުޒުރުވެރިވެ ވަޑައިގެންފަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ކަމަށްބުނެ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ވަނީ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފަ އެވެ. އެ ޕެޓިޝަންގައި ސޮއިކުރުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ބާރު އަޅުއްވާފަ އެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް އޮންނާނީ ރައްޔިތުން އެދޭ ގޮތަކަށް ކަމަށެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވެސް ރައީސް ސޯލިހު ކުރިން ވަނީ ވިދާޅުވެފަ އެވެ.