ރިޔާސީ އިންތިހާބެއްގައި ދެން ވާދަކުރައްވާނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އެކުލަވާލީ ވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމަވައި ރިޔާސީ ނިޒާމަށް ކަންކަން ފުރޮޅާލެއްވީ ކަމަށެވެ. ފާއިތުވި 12 އަހަރު ރިޔާސީ ނިޒާމު ހިނގި ގޮތަށް ބަލާއިރު ފުށޫ އަރާ އެތައް ކަމެއް އެބަހުރި ކަމަށްވެސް ފާހަގަކުރެއްވި އެވެ.
"އަޅަގަނޑު މި އެދެނީ ބާރުތައް ހިއްސާކުރަން. އަދި އޮމާންކަމާއެކީ ވެރިކަން ދާނެ ގޮތަކަށް ގެންދިއުމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެން އިންތިހާބުގައި ވާދަކުރައްވާނަމަ ވާދަކުރައްވާނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއްވެސް ނަގަން ޖެހިދާނެ ކަމަށެވެެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވައި އިއްޔެ ވަނީ މަޝްވަރާ ވެސް ކުރައްވާފަ އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ކުރިއަށްދާ ކެމްޕޭނާ ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވާހަކަދެއްކެވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއީ ސިޔާސީ ބަޔަކު ނަފުރަތު އުފައްދަން ދައްކާ ވާހަަކަތަކެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ހަގީގަތް އެނގޭ ކަމަށެވެ. އަދި އިންޑިއާ ކަނޑުގައި އެންމެ ބާރުގަދަ ފަރާތަށް ރާއްޖެއިން އެހީތެރިވާން ޖެހޭ ކަމަށް ދިވެހިން އަބަދުވެސް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވި އެވެ. ހަމަ އެހެންމެ އެފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ދެންނެވުން ހުއްޓާ ނުލައްވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.