ދުނިޔެ

ފަލަސްތީން ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ހުޅުވާނެ: ބްލިންކެން

އެމެރިކާއިން ވިސްނާފައި އޮތް ގޮތަށް ފަލަސްތީންގެ ގުދުސްގައި އެމެރިކާ ކޮންސިއުލޭޓް ހުޅުވާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން ވިދާޅުވީ ގުދުސްގައި ބައިޑަން ސަރުކާރުން ކޮންސިއުލޭޓެއް ހުޅުވަނީ ފަލަސްތީން މީހުންނަށް އެހީތެރިވާން ކަމަށާއި އެކަން ތަންފީޒް ކުރައްވާނެ ކަމަށެވެ.

އެމެރިކާ ކޮންސިއުލޭޓެއް ގުދުސްގައި ހުޅުވުމަކީ އިޒްރޭލު ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލު ކުރައްވަން އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެންމެ ފުރަތަމަ ކުރެއްވި ޝަކުވާއަކީ ވެސް އެއީ އެވެ.

އެމެރިކާ ކޮންސިއުލޭޓް އޮފީހެއް ފަލަސްތީންގެ ގުދުސްގައި ކުރިން ވެސް ހުއްޓެވެ. އެހެން ނަމަވެސް އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލް ޓްރަމްޕްގެ ސަރުކާރުން 2017 ގައި ކޮންސިއުލޭޓް އުވާލައި ގުދުސްގައި ހުންނަ އެމެރިކާ އެމްބަސީއަށް ހިދުމަތްތައް ބަދަލު ކުރެއްވީ އެވެ.

ބްލިންކެން ވިދާޅުވި ގޮތުން އިޒްރޭލާ އަރަބި ދައުލަތްތަކާއެކު ގާތް ގުޅުމެއް އޮތުމަކީ އެދެވޭ ކަމެއް ކަމަށާއި ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ކުރެއްވި މަސައްކަތްތައް ޖޯ ބައިޑަންގެ ސަރުކާރުން ވެސް ދަމަހައްޓާނެ ކަމަށެވެ.

ފަލަސްތީން މީހުންނާ މެދު ވެސް ބައިޑަން ސަރުކާރުން ދެކެނީ ގާތްކޮށް ކަމަށާއި ކޮންސިއުލޭޓް އޮފީހެއް ގުދުސްގައި ކޮންމެހެން ވެސް ހުންނަން ޖެހޭ ކަމަށް ބްލިންކެން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަލަސްތީން މަތިން ހަނދާން ނައްތާލައިގެން ފަރުޖެއްސެން ނެތީ ކަމަށެވެ.

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރަން އިޒްރޭލުން އެދޭ ނަމަ ރައްކާތެރި ގޮތަކީ ފަލަސްތިނަށް މިނިވަން ދައުލަތަކަށް އިޒްރޭލު އެއްބަސްވުން ކަމަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވެސް ވިދާޅުވި އެވެ. މިއީ އެމެރިކާ ވެސް ސަޕޯޓްކުރާ ސިޔާސަތެކެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ވިލާތު ގައުމުތަކުން އިޒްރޭލަށް ކަމޭހިތާވަރުން ފަލަސްތީނަށް ސަޕޯޓްކުރާ ގައުމަކަށް އެއްޗެއް ބުނެވޭކަށް ނޯވެ އެވެ. އެހެން ނަމަވެސް ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ވަކާލާތުކުރާ ގައުމުތައް ވަރަށް ގިނަ އެވެ.