ހުޅަނގު އައްސޭރީގައި އިޒްރޭލް ހަތިޔާރުއެޅި ފައުޖުތަކުން 456 ފަލަސްތީން މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތްތަކަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފި އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ވަކި ތަފާތެއް ނެތި އަންހެނުންނާއި ކުޑަކުދިން ވެސް ވަނީ ހިފަހައްޓައި ހައްޔަރު ކޮށްފަ އެވެ.
އިޒްރޭލު ސިފައިން، މީހުން ހައްޔަރު ކުރުމުގައި ދުނިޔެ މިހާރު އޮތް ހާލަތަށް ވެސް ނުބަލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އިޒްރޭލާ ދެކޮޅަށް ކަމެއް ނުކުރާ މީހުން ވެސް ހައްޔަރުކޮށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލް ޖަލުތަކުގައި މިހާރު ތިބި މީހުންގެ ތެރެއިން 355 މީހުން ކޮވިޑްޖެހިފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ބޮޑުވަރުވެފައިވާ ކަމަށާއި އެހެން ދިމާވެފައި ވަނީ އެމީހުންނަށް ފަރުވާ ދިނުމުގައި އަޅާލުން ކުޑަކަމުން ކަމަށް ބުނެފައިވެ އެވެ.
އަނެއްކޮޅުން ފަލަސްތީން ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ބެލޭނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. މިކަމާ ގުޅިގެން ވެސް އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީން މީހުންނަށް އިތުރުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިޒްރޭލުން ބުނަނީ އެމީހުންނަކީ އަނިޔާވެރި ގައުމެއް ނޫން ކަމަށާއި ފަލަސްތީނަށް ހަމަލާ ދެނީ ދިފާއުވާން ކަމަށެވެ. ފަލަސްތީންގައި އުޅޭ ޓެރަރިސްޓުންގެ ކިބައިން އިޒްރޭލު ރައްކާތެރި ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގާފައި ހުރި އަނިޔާވެރި ޖަރީމާތައް ބަލައި އިޒްރޭލާ ދެކޮޅަށް ވަކާލާތުކުރެވޭ ވަރަށް ހެކިހުރި ކަމަށް ބުނުމާ އެކު އިޒްރޭލުން ބުނެފައި ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އުޅެނީ އިޒްރޭލުން އަމިއްލަ ދިފާއުގައި ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކަމަށެވެ.