ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް މަރިޔަމް މުނާ އަދި ނާއިބު ރައީސް ކަަމަށް ޑރ. އަހްމަދު އަދުހަމް އަބްދުﷲ އައްޔަން ކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސް ކޮށްފި އެވެ.
އެ ދެ ބޭފުޅަށް މަގާމަށް އައްޔަން ކުރަން ފެންނަކަމަށް ނިންމީ އިއްޔެ މަޖިލީހުގައި ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ މުނާ ރައީސްކަމަށް ވަރަށް ގާބިލު ކަމަށާއި އަދި ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކޮށްފައިވާ އިރު ތަޖުރިބާވެސް އެބަހުރި ކަމަށެވެ. އަދި ނައިބު ރައީސް ކަމަށް އަދުހަމަކީ ވެސް ވަރަށް ގާބިލު ބޭފުޅެއްކަން ޖީހާން ވިދާޅުވި އެވެ.
މުނާ އާއި އަދުހަމް އައްޔަން ކުރަން ނިންމި ނަމަވެސް އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށްފައެއް ނުވެއެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ދެ ބޭފުޅުން ވެސް އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަނުކުރީ ވަރަށް ފަހުން ކަމަށްވެފައި އަދި އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކޮންމެ ބޭފުޅަކު ވެސް އައްޔަނުކުރީ ވަަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު ކަމަށް ވާތީ އަލުން އިންޓަވިއުކުރަން ނުފެންނެ ކަމަށެވެ.
އެޗްއާރުސީއެމްގެ އިސްވެރިން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުނާ އާއި އަދުހަމްގެ ފޮނުއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާ އަދި މޫމިނާ ވަހީދުގެ އިތުރުން އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގް އާއި ސަމާއު އަހުމަދު ނަޖީބް އެވެ. މީގެ ތެރެއިން ސަމާއު އައްޔަނު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.