ތަރިކަ

މީދޫ ފަނޑިޔާރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނަނީ

Oct 15, 2021

އައްޑޫ ސިޓީގެ މީދޫގައި ހުންނަ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ކުރަމުން ގެންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މީދޫ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަނޑިޔާރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ނޮމިނޭޝަން ޑޮޒިއާ އަށް ބޭނުންވާ މައުލޫމާތު 20 ދުވަހުގެ ތެރޭގައި އެއްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހަޅަންޖެހެނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ކުރިން މީދޫ އަވަށު އޮފީހަށެވެ.

ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ފެށީ 2008 ވަނަ އަހަރު އެވެ. އޭގެ ވަގުތީ ލިސްޓްގައި މިހާތަނަށް ރާއްޖޭގެ ހަ މިސްކިތެއް ހިމަނާފައިވެ އެވެ. އެއީ ހއ. އިހަވަންދޫ އާސާރީ މިސްކިތާއި، ރ. މީދޫ ބާ މިސްކިތާއި، މާލޭގެ އީދު މިސްކިތާއި، މާލޭ ހުކުރު މިސްކިތާއި، އދ. ފެންފުށީ އާސަރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ.