ޑރ. ހުސައިން ރަޝީދު ހަސަން

ދަނޑުވެރިކަމަށް ފަސް ރަށެއް ދޫކުރަނީ

Oct 16, 2021
2

ދަނޑުވެރިކަން ކުރުމަށް މިއަހަރު އިތުރު ފަސް ރަށެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ރަސްމިއްޔާތުގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ފުޅާކުރަން ބަލާއިރު ދަނޑުވެރިންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މަސައްކަތް ކުރުމަށް ބޭނުންވާ އެކަށީގެންވާ ބިން ނުލިބުން ކަމަށެވެ.

ރާއްޖޭގައި އެތައް ފަޅުރަށެއް އެއްވެސް ބޭނުމެއް ނުކުރެވި އޮތް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ބައެއް ރަށްތައް ދަނޑުވެެރިކަން ކުރުމަށް ދޫކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ފަސް ރަށެއް އެގޮތުން ދޫކޮށްލެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ބިން ބޭނުންވި ނަމަވެސް ބޭނުންވާ ބޮޑުމިނުމުގެ ބިން އެފަދަ ރަށްރަށުން ލިބެން ނެތުމަކީ ދަނޑުވެރިންނަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން ބިމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި އެކަށޭނެ އަގެއްގައި ބިން ދޫކުރުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ މާލީ އިދާރާތަކުން ދަނޑުވެރިންނަށް ދޫކުރާ ލޯން ތަކެއް ތައާރަފްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެފަދަ ލޯންތައް ނަގައި އޭގެ ބޭނުން ކުރަނީ ވަރަށް މަދު ބައެއް ކަމަށް ވިދާޅުވި އެެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ބިމުގެ ބޮޑުމިނަށް ބަލައިގެން އެކަން ކުރުމަށާއި އަދި ގުދުރަތީ ކާރިސާތަކުން ދަނޑުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްވެސް ޓެކްނޮލޮޖީގެ ފަސޭހަތައް ބޭނުންކުރަންޖެހޭ ކަމަށެވެ. ދަނޑުވެރިންނަށް ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.