ތެލަށް ކުރާ ހަރަދު ބޮޑުވެ މަހަށް ފުރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރުމުން ސަރުކާރުން ތެލުގެ ސަބްސިޑީއަށް ހޭދަކުރާ އަދަދު އިތުރުކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފި އެވެ.
ބީކޭއެމްޔޫގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތެލުގެ އަގު އިންތިހާއަށް އުފުލި ދޯނިފަހަރު މަހަށް ފުރަން ބިރު ބޮޑުވެއްޖެ ކަމަށެވެ.
މަސްވެރިންނަކީ ސިޔާސީ އައްޑަނައަކަށް ހެދުމުގެ ބަދަލުގައި މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިވުން މުހިއްމު ކަމުގައިވެސް ބީކޭއެމްޔޫ އިން ބުނެފައިވެ އެވެ.
"ތެލުގެ ސަބްސިޑީ އިތުރުކޮށްދެއްވަން ގޮވާލަން" ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޓެގްކޮށް ކޮށްފައިވާ ޓްވީޓްގައި ގޮވާލާފައިވެ އެވެ.
ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު ފެލިވަރާއި ކޫއްޑޫއަށް މަސްކިރާ ދޯނިތަކަށް ވިއްކާ ޑީސަލަށް އެކަނި ޑިސްކައުންޓް ދޭތީވެސް މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"މާލެ ސަރަހައްދުގައި ކީއްވެގެންތޯ ތެލުގެ ޑިސްކައުންޓް ލިބޭނެ އިންތިޒާމެއް މަސްވެރިންނަށް ނެތީ. ތެލުގެ ޑިސްކައުންޓް ހޯދާށޭ ކިޔާފައި އިތުރު ތެޔޮ އަންދައިގެން ކޫއްޑޫއާއި ފެލިވަރަށް ދިއުމަކީ ވެސް މަސްވެރިންނަށް އިތުރު ގެއްލުމާއި ތަކްލީފް،" މާލެ ސަރަހައްދުގައި މަސްވެރިކަމަށް ގޮސް އުޅޭ މަސްވެރިޔަކު ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ދައުލަތުން ތެލުގެ ސަބްސިޑީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މިދިޔަ ހަފްތާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ މިހާރު ތެލުގެ އަގު މައްޗަށްދާ ދިއުމާ ގުޅިގެން އަބަދު ސަބްސިޑީ ދީގެން ދައުލަތަށް ވެސް ތަކެތީގެ އަގު ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިއުދަގުލުން އެންމެން ގުޅިގެން އަރައިގަތުމަށް މަސައްކަތް ކުރުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ދުނިޔޭގެ ބާޒާރުގައި މިއަހަރުގެ ކުރީކޮޅު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 70 ޑޮލަރުގަ އެވެ. މިހާރު އެ އަގު އުޅެނީ 121 ޑޮލަރުގަ އެވެ.