ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކަނޑޫދޫ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Oct 16, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތ. ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކަނޑޫދޫގައި ކުރިއަށް ގެންދިޔަ ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ވަނީ ފަށްޓަވައިދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފަޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމުގެ އިތުރުން ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުއްވައިދެއްވާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާ ވެސް ޝަރަފުވެރިކޮށްދެއްވާފަ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ސަރުކާރުން ނިންމީ ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމުގެ މަގުސަދުގަ އެެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.