ސިނަ މާލެ ބްރިޖް

ވައިބާރުވެ ބުރިޖުން ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

މި ދުވަސްކޮޅު ބާރަށް ވައިޖެހޭތީ ސިނަމާލެ ބުރިޖުމަތީ ދަތުރުކުރާ އިރު ވަރަށް ބޮޑަށް ސަމާލުވުމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެންޑީއެމްއޭގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މި ދުވަސްވަރަ ބުރިޖުމަތިން ދަތުރުކުރާ އިރު ވަަރަށް ބޮޑަށް ވައިގަދަކަން ފާހަގަކުރެވިފައިވާ ކަަމަށާއި އަދި ރައްކާތެރިވުމުގެ ގޮތުން ބަލައިގެން ދުއްވުން މުހިންމު ކަމަށެވެ.

ބުރިޖުގެ އިތުރުން އިމާރާތްކުރާ ތަންތަނާ ކައިރިން ދަތުރުކުރާއިރު އަދި ހިގާފައި ދާއިރު ވެސް ސަމާލުވުމަށް އޮފިޝަލު އިލްތިމާސްކުރެއްވި އެވެ.

އެންޑީއެމްއޭއިން އެގޮތަށް އިލްތިމާސްކުރި އިރު ރާއްޖޭގެ މޫސުން ގޯސްވެ މިހާރު ވަނީ ޔެލޯ އެލޯޓްވެސް ނެެރެފަ އެވެ. އެގޮތުން މިއަދު ހެނދުން ފެށިގެން ހަވީރު 04:30 އާ ހަމައަށް ގަޑިއަކު 25 އާއި 35 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށް މެޓް އޮފީހުން އޮތީ ބުނެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް ސިފައިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.