ސިނަމާލެ ބްރިޖު ފަދަ ގައުމީ ބޮޑެތި ތަރިކަތައް ބެލެހެއްޓުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިހްމާލުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މާލެއިން ހުޅުމާލެއާއި ހުޅުލެ އަށް ދިއުމަށް އަޅާފައިވާ ބްރިޖްގެ މޮނިއުމެންޓްގައި ހަރުކޮށްފައިވާ އެލްއީޑީ ލައިޓްތައް ސްޓެލްކޯއިން ޗެކްކޮށްފިއެވެ.
ހުސައިން ފަހްމީ މިހެން ވިދާޅުވީ މާލެ ކޮޅުން ބްރިޖަށް އަރަންޖެހޭ ދިމާލުގައި ހަދާފައިވާ މޮނިއުމަންޓްގެ ބައެއް ލައިޓްތަކާއި ކޭބަލްތައް ހަލާކުވެފައިވާކަން އެނގޭ ފަދަ ފޮޓޯތަކެއް ހިމަނައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްްގައެވެ.
ހުސައިން ވިދާޅުވީ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓާފައި ނުވާތީ ބްރިޖު މޮނިއުމެންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ސްޓެލްކޯ އިން އ މައްސަލަތައް ބަލައި އެލްއީޑީ ލައިޓްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
":މިދިޔަ ސަރުކާރުން އިންފްރާސްޓްރަކްޗާ މެނޭޖްކުރުން ދަށްވުމުގެ ސަބަބުން ސިނަމާލެ މޮނިއުމަންޓްގެ ނަން ބޯޑާއި ލައިޓްތައް ވަނީ ހަލާކުވެފައި،" ހުސައިން ވިދާޅުވި އެވެ.
ބްރިޖުގައި ރަނގަޅުކުރަންޖެހޭ މައްސަލަތައް
- ޑީސީގެ 10 ސަޕްލައި ޔުނިޓުގެ ތެރެއިން ހަތް ޔުނިޓް ހަލާކުވެފައި
- ބްރިޖްގެ ނަން ބޯޑުގައި ހުންނަ އެލްއީޑީ ލައިޓްތައް އަނދާފައި
- ބްރިޖްގެ ނަން ބޯޑުގެ އަކުރުތައް ހަރުކުރަން ޖަހާފައިވާ އިސްކުރުތައް ދަބަރު ޖަހާފައި
ހުސައިން ފަހްމީ އިތުރަށް ވިދާޅުވީ ސިނަމާލެ ބްރިޖު ފަދަ ގައުމީ މުދަލަކީ އުމުރު ދުވަހު މޮނިޓާކޮށް ބަލަހައްޓަން ޖެހޭ ތަކެތި ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިންޖިނޭރިން ދާއިރާގެ ބޭފުޅެއް ކަމަށް ފާހަގަކުރައްވާ ހުސައިން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ބްރިޖު ރަނގަޅަށް ބަލަހައްޓާނެ ކަމަށެވެ.
ސިނަމާލެ ބްރިޖު ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ.