ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ވިއްސާރައިގައި ގެއްލުން ލިބުނު ފަސް ގެއަކުން މީހުން ވަގުތީ ހިޔާއަށް

އިއްޔެކުރި ވިއްސާރައިގައި ފެން ބޮޑުވެ ގެއްލުން ލިބުނު ފަސް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އުޅެން ދަތިވާ ވަރަށް ފާހަގަކުރެވުނު ނުވަ ގެއެއްގެ ތެރެއިން ފަސް ގެއެއްގެ 34 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މި ފަސް ތަނުގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ވަނީ ލީކުވެފަ،" އެންޑީއެމްއޭ އިން ބުނެ އެވެ.

ވަގުތީ ބޯހިޔާވަހިކަމާއެކު ކެއިންބުއިންވެސް ހަމަޖައްސައިދެވޭނެ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ހާއްސަކޮށް މާލެ ސަރަހައްދަށް އިއްޔެ ބޯކޮށް ވާރޭ ވެހުނެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހުޅުލެ އާއި މާލެއަށެވެ.