ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިއްޖެ

މާލޭގެ ހ. ދޫހިމިރިގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި ހާލުގައި ޖެހިފައިވަނީ 22 ދިވެހިންނާއި 15 ބިދޭސީންނެވެ.

"މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް މި އޮތޯރިޓީން މިވަގުތު ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގީ ދޫހިމިރިގޭގައި ބިދޭސީންތަކެއް ހިންގަމުންދާ ގާމަގު ކެފޭގެ ބަދިގޭގައެވެ.

ތިން ބުރީގެ މިތަނުގެ މަތީ ދެ ބުރި ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މިތަނުގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިއަދު މެންދުރުފަހު 3:15 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުންކުރާ ވެހިކަލެއް ގެނެސް ފޯމު ޖެހުމުންނެވެ.

މި އިމާރާތުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އަލިފާނުގެ ސަބަބުން އިމާރާތަށް ލިބުނު ގެއްލުމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.