ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ވިއްސާރައިގައި ގެއްލުންވި ގެތަކަށް ހަތް ލައްކަ ރުފިޔާގެ އެހީ

މާލެއަށް މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 48 ގެއަކަށް އެހީގެ ގޮތުގައި ޖުމްލަ ހަތް ލައްކަ ރުފިޔާ ދޭން ނިންމައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހުކުރު ދުވަހު ކުރި ވިއްސާރައިގައި ފެންވަދެގެން އެކިވަރުގެ ގެއްލުން ލިބުނު ތަންތަނުގެ އަދަދަކީ 227 ކަމަށާއި މީގެ ތެރެއިން 193 ތަނަކަށް އިޖާބަ ދެވުނު ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ހާދިސާއާއި ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ ކަމަށް ނިންމުނީ 78 ތަނަކަށް ކަމަށާއި އޭގެ ތެރެއިން 53 ގޭބިސީއެއްގެ އެސެސްމަންޓް ނިމިފައިވާއިރު 48 ގެއަކަށް އެހީދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1.1 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު އެސެސްމެންޓް ހެދުނު ގެތަކަށް ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި އެ އެހީގެ ތެރޭގައި ހިމެނެނީ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ޖުމްލަ ގެއްލުމުގެ 20 ޕަސެންޓަށްވާ 100،075.20 ރުފިޔާ އާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް ޖުމްލަ 611،466.50 ރުފޔާ އެވެ.

ވިއްސާރައިގައި ގެއްލުންވި 19 ތަނަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައިވާއިރު ހަ ތަނަކަށް އެކި ސަބަބުތަކާ ހެދި ނުވަދެވުމުގެ ސަބަބުން އެސެސްމަންޓް ހެދިފައިނުވާކަން އެންޑީއެމްއޭ އިން ފާހަގަކުރެ އެވެ.

މާލެއަށް ހުކުރު ދުވަހު ކުރި ވިއްސާރައިގައި 18 ގޭބިސީއެއްގެ 110 މީހުންނަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ހަމަޖައްސައިދީފަ އެވެ.