އެމްއެންޑީއެފް

ސީ އެމްބިއުލާންސް ހޯދަން ބަޖެޓެއް ނެތް

ސީ އެމްބިއުލާންސްގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ވަރަށް ބޮޑަށް ބާވެފައިވި ނަމަވެސް އާ އެމްބިއުލާންސް ހޯދާނެ ބަޖެޓެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ލިޔުމުން ޖަވާބު ހޯއްދަވަން ހުށެހެޅުއްވި ސުވާލަކަށް އެކަމަނާ ލިއުމުން ދެއްވި ޖަވާބު މެދުވެރި ކޮށެވެ.

ޝިޔާންގެ ސުވާލުގައި އއ. އަތޮޅު ހޮސްޕިޓަލުން ސީ އެންބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ކުޑަ ލޯންޗު މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ބާވެ ފަޅައިގެން ގޮސް އިންޖީނުގެ މައްސަލަ ޖެހިފައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ ހޮސްޕިޓަލަށް އާ އެމްބިއުލާންސެއް ލިބޭނީ ކޮންދުވަހަކުންތޯ އައްސަވާފައި ވެއެވެ.

އޭނާގެ ސުވާލަށް މާރިޔާ ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު މިއަދުގެ ޖަލްސާގައި އިއްވެވި އެވެ. މާރިޔާ ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތް ފަށަން 2015 ވަނަ އަހަރު އެމްއެންޑީއެފާ ހަވާލު ކުރި އުޅަނދުތަކަކީ ބާވެ ހާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށެވެ. އޭރު ހަވާލުކުރި 27 އުޅަނދަކީ އޭރުވެސް 10 ވަރަކަށް އަހަރު ބޭނުން ކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ.

އޭގެ ތެރެއިން 10 އުޅަނދެއް މާބޮޑަށް ބާވުމުން ހިދުމަތުން ބާކީކޮށްފައިވާ އިރު އަލަށް ނުވަ އެމްބިއުލާންސް ހިދުމަތައް ނެރެފައި ވެއެވެ. މިހާރު ހިދުމަތުގައި ބޭނުންކުރަނީ 26 އެމްބިއުލާންސޭވެ.

މާރިޔާ ވިދާޅުވީ މިއަހަރު އަލަށް ހޯދި ހަ އެމްބިއުލާންސް ފިޔަވައި ދެން ހުރި ހުރިހާ އެމްބިއުލާންސަކީ ވެސް ވަަރަށް އަވަހަށް މަރާމާތުކުރަން ޖެހޭ އުޅަނދުތަކެއް ކަމަށެވެ.

އުޅަނދުތައް ބާވި ނަމަވެސް ބަދަލުގައި ބޭނުން ކުރާނެ އާ އުޅަނދުތައް ހޯދާނެ ބަޖެޓް ނެތް ކަމަށާއި އަދި މިހާރު ހާލަތު އޮތް ގޮތުން ބާ އުޅަނދުތައް މަރާމާތުކޮށްގެން ބޭނުންކުރުން ނޫން ގޮތެއް ވެސް ނެތް ކަމަށެވެ. އެކަމަނާ ވިދާޅުވީ ބާ އެމްބިއުލާންސް މަރާމާތުކުރަން ހާއްސަ ބަޖެޓެއް ނޯންނަ ކަމަށާއި އެކަން މިހާރު ކުރަނީ އެމްއެންޑީއެފްގެ އެހެން އުޅަނދުތައް ވެސް މަރާމާތުކުރަން ލިބޭ ބަޖެޓުން ކަަމަށެވެ.

ޑިފެންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު އާ އެމްބިއުލާންސްތައް ހޯދައި އަދި އެކި އެކި މަރާމާޠުކޮށް އަދި އާ އިންޖީނުތައް ބަދަލު ކުރުމަށް 262 މިލިއަން ރުފިޔާ ބޭނުންވެ އެވެ.