އަލީ ހުސައިން

ސިފައިން ހާޒިރު ނުވެގެން ދައުވާ ނުކުރެވޭނެ: އަލީ ހުސައިން

ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241) އަށް ވަކިވަކި ސިފައިން ހާޒިރު ވުމަށް އެންގުމުން އެ ކަމަށް އިޖާބަ ނުދިނަސް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ގައުމީ ދިފާއީ ބާރުން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިންގޭން އެންގުމާއި ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ފާޅު ކުރަމުން ދާ ކަންބޮޑުވުންތަކާއި ގުޅިގެނެވެ. ބައެއް މެންބަރުން ގެންދަވަނީ ޑިފެންސްގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ ރައްޔިތުންްގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށާ އެމްއެންޑީއެފްގެ ފަރާތުން 241 ކޮމެޓީއަށް ޖަވާބުދާރީ ވާނެ މިނިސްޓަރެއް ހުންނާނެ ކަމަށެވެ. އަލީ ވިދާޅުވީ 241 ކޮމެޓީއަށް ވަކިވަކި ސިފައިން ހާޒިރު ވުމަށް އެންގި ނަމަވެސް އެ ކަމަށް އިޖާބަ ނުދިނޭ ބުނެ، ޖިނާއީ ދައުވާ ވެސް ނުކުރެވޭނެ ކަމަށެވެ.

ޑިފެންސުން އިއްޔެ ނެރުނު ދިގު ބަޔާނެއްގައި ބުނެފައި ވަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ މުއައްސަސާގެ ފަރާތުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބަލަމުން ގެންދާ މައްސަލައެއްގައި ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް މުއައްސަސާއިން ފޯރުކޮށް ދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމުގައި އެ އުސޫލުތަކާ ހިލާފަށް އަމަލު ކުރަން ސިފައިންގެ މައްޗަށް ލާޒިމްކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތް ކަމަށާ މި ނިންމުމަކީ ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ނިންމުމަށް ފާޑުވިދާޅުވި އެއް މެންބަރަކީ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒު ވިދާޅުވީ އެއީ މަޖިލީހުގެ އިންކުއަރީއަށް ހުރަސް އެޅުން ކަމަށެވެ.

އިމްތިޔާޒު ވަނީ އެ ބަޔާނުގައި ބައެއް އިބާރާތްތަކާމެެދު ވެސް ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ. ބަޔާން ފައްޓަވަމުން ރައީސް ނަޝީދަށް "ދެވުނު ހަމަލާ" އެހެން ލިޔެފައިވާތީ އިންތި އެކަން ފާހަގަ ކުރައްވަ އެވެ. އަދި ބަޔާނުގައި އޮތީ ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ ނުވުމަށް ކަމަށާ ފިލައިގެން ތިބެ މީޑިއާއަށް މައުލޫމާތު ދިނަސް ހެޔޮ ކަމަށް ވިދާޅުވެ އިންތި ވަނީ ޑިފެންސްގެ ބަޔާނަށް ފާޑު ވިދާޅުވެފަ އެވެ.