މަސްތުވާތަކެތި

ބޮޑުކާށިހުރާއިން ޑުރަގު ހޯދީ ކައުންސިލަށް ރަށް ނެގިފަހުން

އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދީ އެރަށް ހަވާލު ކޮށްފައިވާ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، ރަށް ކައުންސިލަށް ނަގާފައި ވަނިކޮށް ކަމަށް އދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

އދ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ނަސީރު ވިދާޅުވީ ބޮޑުކާށިހުރާ އަމިއްލަ ފަރާތަކާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ ފަރާތުން އެއްބަސްވުމާ ހިލާފުވުމުން އެއްބަސްވުން ބާތިލުކޮށް ރަށް އަތުލީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.

"އެރަށް ދީފައި އޮތީ ޕިކްނިކް އައިލެންޑެއް ގޮތަށް ރަށް ހިންގަން. އޭރުން އެ ފަރާތަށް ވެސް އަދި ކައުންސިލަށް ވެސް ކޮންމެވެސް ކަހަލަ އާމްދަނީއެއް ލިބޭ ގޮތަށް. އެހެން ނަމަވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް އެތަނުގައި ނުކުރެވޭނެ،"

އަލީ ނަސީރު ވިދާޅުވީ އދ. އަތޮޅު ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ބޮޑުކާށިހުރާ އިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމަކީ ކައުންސިލުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

"މާދަމާ އޮންނަ ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑުމެން އެކަމުގެ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވޭ. ރަށްތައް ބެލެހެއްޓުން ހަރުދަނާ ކުރަންޖެހޭ ކަން އެކަމުން އެނގިއްޖެ،" އަލީ ނަސީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޮޑުކާށިހުރާއިން ގިނަ އަދަދެއް މަސްތުވާތަކެތި ހޯދާފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ފުލުހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދާ 10 މީހުން ހައްޔަރުކުރީ ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރުމަށްފަހު އެވެ. އެކަމަކު 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދީ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހުން ކޯޓުން ދޫކޮށްލާފައިވެ އެވެ. ފުލުހުން ބުނާ ގޮތުގައި އެއީ މައްސަލާގައި ހިމެނޭ އެންމެ އިސް ދެ މީހުންނެވެ. އެކަމަކު އެ މީހުން ދޫވި މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕީޖީ ވަނީ ނިންމަވާފަ އެވެ.