ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ ރައްޔިތުންނަށް ލިބުން: ރައީސް

Oct 20, 2021

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އާންމު ރައްޔިތުންނަށް ވެސް ލިބޭ ގޮތަށް ސިޔާސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫ އަށް ވަޑައިގެން އެ ރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ދަނޑުވެރިކަން ކުރާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ އިން އާންމު ރައްޔިތުންނަށް މިއަދު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ގެސްޓްހައުސްގެ ވިޔަފާރީގެ ތެރެއިން ކަމަށެވެ.

"ގެސްޓްހައުސް ވިޔަފާރި އިތުރަށް ތަރައްގީކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެކަން ސަރުކާރުން ކުރަމުން ގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ތޮއްޑޫ އަކީ އަތޮޅު ތެރޭގައި މިވަގުތު އެންމެ ގިނަ ގެސްޓްހައުސް ހިންގާ އެއް ރަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ދަނޑުވެރިންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ދަނޑުވެރިންނަށް ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ހޯއްދަަވައިދެއްވާނެ ކަމަށެވެ. އަދި ތޮއްޑޫގައި މިއަދު ހުޅުވި އެސްޓީއޯގެ އެގްރިސެންޓަރުގެ ސަބަބުން ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކާލުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިބައްދަލުވުމުގައި ދަނޑުވެރިން ވަނީ އެމީހުން އެ މަސައްކަތް ކުރުމަށް ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ އަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެދިފަ އެވެ. އެގްރިސެންޓަރުގެ ސަބަބުން އެ މީހުންގެ އުފެއްދުންތައް އަވަހަށް ވިއްކާލެވި ވީހާވެސް އަވަހަށް ފައިސާ ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ދަނޑުވެރިން ބުނެފައިވެ އެވެ.

ރައީސް ސޯލިހު މިއަދު ވަނީ ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

މީގެއިތުރުން ތޮއްޑޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ރައީސް ބައްލަވައިލެއްވި އެވެ. އަދި އެސްޓީއޯ އިން އަތޮޅު ތެރޭގައި ހެދި ފުރަތަމަ އެގްރިސެންޓަރު ރައީސް މިއަދު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ.