ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަށްތައް ތަރައްގީކުރަން ކުރިން ނުކުރާ ވަރުގެ ބޮޑެތި މަޝްރޫއުތައް ދަނީ ހިންގަމުން: ރައީސް

ރާއްޖޭގެ ރަށްތައް ތަރައްގީކުރަން މިއިން ޒަމާނަކު ނުކުރާވަރުގެ ބޮޑެތި މަޝްރޫއުތައް ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު އއ. ތޮއްޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަތުރުކުރެއްވި ކޮންމެ ރަށަކުންވެސް ފެންނަނީ ބޮޑު ބަދަލެއް ކަމަށާއި އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ މުޅި ރާއްޖެ ބަދަލުކޮށްލައްވާނެ ކަމަށެވެ.

ރަށްރަށަށް ވައުދުވަނީ އެކަންކަން ފުއްދޭތީ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ރަށްރަށް ތަރައްގީ ކުރުމަށްޓަކައި (ކުރިން) ނުކުރާ ވަރުގެ ބޮޑެތި މަޝްރޫއުތައް ހިނގަމުން މި ދަނީ. އަޅުގަނޑުމެން ވައުދު ވަނީ ވައުދު ފުއްދަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ތަސައްވުރަކީ އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ގެނެސްދިނުން ކަމަށާއި އެކަން ފުރިހަމަކުރުމަށް ގިނަ ކަންތައްތަކެއް ކޮށްދެމުންދާއިރު ރިޔާސީ ދެވަނަ ދައުރަށް އިތުރު ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ.

އެގޮތުން ހައުސިންއަށް ވަކި ހާއްސަ ބޭންކެއް ހުޅުވައި ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިސާ އެ ބޭންކުން ލިބޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި ނަގާފައިވާ ލޯނުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީ އެ މީހުންގެ ގެއަށް އައިސް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭ-ކެއާގެ ހިދުމަތް ގާއިމުކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އައިސީޓީ ހަބްތައް ގާއިމުކުރާނެ ކަމަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް މައިކްރޯ ފައިނޭންސިން ފަސޭހައިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.

ތޮއްޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އެ ރަށުން 200 ގޯތި ދޫކުރުމަށް ކައުންސިލް އިދާރާއިން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރަށުގައި މިސްކިތެއް ބިނާކޮށް ކައުންސިލްގެ އާ އިމާރާތާއި ސޯޝަލް ސެންޓަރެއް އިމާރާތްކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ވަނީ ތޮއްޑޫ ސްކޫލަށް ހަ ކްލާސް ރޫމް އިތުރުކޯށް ސައިންސް ލެބާއި ލައިބްރަރީ ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.