ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަށް ދޭންޖެހޭ ހިމާޔަތް ދިނުމުގައި ލޯކަލް ކައުންސިލްތަކުން ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބުނެފިއެވެ.
ހިޖުރަކުރާ ދޫނި ގިނަ އަދަދަކަށް އަންނަމުންދާ މިދުވަސްވަރު އެ ތަކެއްޗަށް ގޯނާކޮށް ގެއްލުންދީ އަދި ހިފައި ވިއްކުން ވަނީ އާއްމުވެފައެވެ.
އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިއްމު ތަކެތި ކަމަށްވުމާއެކު އެތަކެތީގެ އާބާދީއަށް ގެއްލުން ލިބިދާނެ ފަދަ ހުރިހާ ކަންކަމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫންގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅިފައިވާ ކަމެކެވެ.
މިފަދަ ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާކޮށް އެ ދޫނިތަކުގެ ހިޖުރައިގެ ރާސްތާއަށް ހުރަސްއެޅޭ ބާވަތުގެ ކަންކަން ކުރާ މީހުން އެކަން ހުއްޓުމަށާއި މި ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭފަދަ އެއްވެސްކަމެއް ނުކުރުމަށްވެސް ކޮމެޓީން ވަނީ ގޮވާލާފައެވެ. އަދި ކައުންސިލްތަކާއި ކަމާބެހޭ މުއައްސަސާތަކުން އެފަދަ އަމަލުތައް ހުއްޓުވައި މި ފަރާތްތަކާމެދު ގާނޫނާއު ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމައް ވެސް ވަނީ ގޮވާލާފައެވެ.