ފުލުހުންގެ އިދާރާ ހިންގުމަށް ހަވާލުކޮށްފައި ހުންނެވި، ޑީސީޕީ އަހުމަދު އަރީފު މިއަދު ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ރައީސް ހަމަޖައްސަވައިފި އެވެ. ރައީސް އޮފީހުން ދާދި ދެންމެއަކު އެކަން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިއަދު ވަނީ އަރީފްއާ ބައްދަލު ކުރައްވައި މަގާމުގެ ފަތްކޮޅު އޭނާއަށް ދެއްވާފައި ކަމަށެވެ. މީގެ ކުރިން އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި އަރީފު ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށް އޭނާއާ ފުލުހުންގެ ހިންގުން ހަވާލު ކުރީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާޔަށް ފަހު ފުލުހުންގެ ހިންގުމަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.
ކޮމިޝަނަރަކަށް ހުންނެވި ހުސެން ވަހީދާއި އޭނާގެ ދަށުން މަސައްކަތް ކުރެއްވި ދެ ޑީސީޕީ އިން ކަމަށްވާ މުހައްމަދު ހަބީބު އަދި މުހައްމަދު ސޯދިގު ވަނީ އެ މަގާމުތަކުން ވަކިކޮށް ސިޔާސީ އެހެން މަގާމުތަކަކަށް ބަދަލުކޮށްފަ އެވެ. ރައީސް ވިދާޅުވީ އެބޭފުޅުން އެ މަގާމުތަކުން ވަކި ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުބައި ނުފޫޒުތަކެއް ފުލުހުންގެ ތެރެއަށް ވަނުމަށް ފުރުސަތު ދެއްވާފައި ވާތީ ކަމަށެވެ. ހުސެން ވަހީދާއި ހަބީބު ބަދަލުކުރެއްވީ ހައުސިން މިނިސްޓްރީގެ ނައިބު ކަމަށެވެ. އަދި ސޯދިގު ބަދަލު ކުރެއްވީ ޖެންޑާ މިނިސްޓްރީގެ ނައިބު ކަމަށެވެ.