ގުދުރަތީ ހާދިސާއަކުން މެނުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކަށް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ހުއްޓާ ގުދުރަތީ ގޮތުން މީހަކަށް ދިމާވާ ކަމެއް ނުވަތަ ސިއްހީ ނުރައްކާތެރި ކަމެއް ދިމާވުން ފިޔަވައި ފުލުހުންގެ އިހުމާލުން ކުރާ ކަމަކުން މީހަކަށް ގެއްލުންވާ ކަމެއް ހާއްސަކޮށް މީހާގެ ފުރާނައަށް ގެއްލުން ވެދާނެ ފަދަ ކަމެއް ނުވާނެކަމުގެ ކަށަވަރުކަން ފުލުހުންގެ މުއައްސަސާއިން ދޭން ޖެހޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަކީ އަމަން ބެލެހެއްޓުމަށްޓަކައި ރައްޔިތުންނާ އެންމެ ގާތުން ގާނޫނު ތަންފީޒުކުރަން މަސައްކަތް ކުރާ ފަރާތް ކަމަށެވެ. އަދި ފުލުހުންގެ އަމަލުގައި ނުބައި ނިޔަތެއް ނެތް ކަމުގައިވިޔަސް ފުލުހުންގެ ބައެއް އަމަލުތައް ހުންނަ ގޮތުން، ވަރަށް ނުރައްކާތެރި ހާލަތްތައް ކަންކަންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފުލުހުން އަމަލުކުރަން ހަދާފައި ހުންނަ އެސްއޯޕީގެ ބޭރުން ކަންކަން ކުރުމުން ނުބައި ނަތީޖާއެއް ނުނިކުންނާނެކަންވެސް ފުލުހުން ކަށަވަރުކުރަންޖެހޭ ކަމަށެވެ. މިސާލެއްގެ ގޮތުން ޔާމީން ނެންގެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އާދަމް އަތުހަރު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރި ހާދިސާއަށްފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގި ހާދިސާއަކަށްފަހު މަރުވި މައްސަލަ އެވެ.
"އެ އެސްއޯޕީއެއްގައި ހުންނަ ކަންތައް ފޮލޯނުކޮށް، އެއިން ބޭރުންކޮށްފި ކަމަށް ވާނަމަ އެ މީހުން އެބަޖެހޭ ޖިނާއީ ލައިބިލިޓީ ބޮލުގައި އަޅަން. އެ ދުރަށްލާފައި ކޮށްފައި އޮތް ކަމެއްގެ ނަތީޖާ ނުބައި ވެއްޖިއްޔާ. އެއީ މުއައްސަސާ ރަނގަޅު ކުރެވޭނެ ގޮތަކީ" ޔަމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފުލުހުން އެފަދަ މައްސަލަތައް ބެލުމަށްފަހު ރިޕޯޓުތައް ހެދި ނަމަވެސް ފިޔަވަޅު ނާޅާ ކަމަށާއި، އަދި އެ ކަންކަން ނުބެލުމަކީ އޭގެ ޒާތުގައި ޖިނާއީ ކުށެއް ކަމަށްވެސް ވިދާޅުވި އެވެ.