ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅޭ މައްސަލައެއް ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފެށުމަކީ ހަޑި ހުތުރު ކަމެއް ކަމަށާއި ބީއެމްއެލްގެ މައްސަލަތައް ބެލުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގެ އޯޑިއަންސްގައ އިންނަވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ބީއެމްއެލްއިން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުން ސޯޝަލް މިޑިއާގައި ހިޔާލުފާޅުކުރުމުން ޖިނާއީ ތުހުމަތެއްކޮށް، ތަހުގީގެއް ފެށުމަކީ ހުތުރުކަމެއް ކަމަށެވެ.
ޔާމީން ވަނީ ފުލުހުން އިއްޔެ ނެރުނު ބަޔާނާ ގުޅިގެން ފުލުހުން އެފަދަ ބޮޑެތި ބަޔާން ނެރުމާއި، ބަޣާވާތް ހިންގަން އުޅޭ ކަމަށް ބުނުމަކީ ހުތުރު އަދި އައިބުކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ޔާމީން އިތުރަށް ވިދާޅުވީ މިއި ބީއެމްއެލްއާ ގުޅޭ މައްސލައެއް ކަމަށްވުމުން އެކަން ބަލަންޖެހޭނީވެސް އެމްއެމްއޭ އިން ކަމަށެވެ. އެކަމުގެ ތެރެއަށް ސަރުކާރާ އެހެން އިދާރާތަކުން ވަނުމަކީ ހަޑިކަމެއްގެ ގޮތުގައިވެސް ޔާމީން ސިފަކުރެއްވި އެވެ.
"މިކަހަލަ މައްސަލައެއް އުޅެންޏާ މަރުކަޒީ ބޭންކަށް ބެލޭނެ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ބީއެމްއެލް އިން މިދިޔަ އާދިއްތަ ދުވަހު ރުފިޔާ އެކައުންޓުތަކުން ޑޮލަރު ބޭނުންނުކުރެވޭ ގޮތަށް އަދި ކްރެޑިޓް ކާޑުތަަކަށް ލިބޭ ޑޮލަރުގެ ލިމިޓް 100 ޑޮލަރަށް ދަށްކުރުމަށް ނިންމި ނިންމުމާއެކު ފުލުހުން ވަނީ އެއީ ރައްޔިތުންނަށް ކުއްލި ސިހުން ލިބޭ އަމަލެއް ކަމަށް ބުނެ، ބަޣާވާތެއް ހިންގަން ކުރި ކަމެއް ކަމަށް ބަލާ، އެ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.