ޕީޕީއެމް

ބޭރުގެ ސިފައިން ބޭލުމަށް ގޮވާލައި ހިނގާލުން ފަށައިފި

Oct 22, 2021
5

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ހިނގާލުން ފަށައިފި އެވެ.

ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މި ހިނގާލުން މީގެ އިރިކޮޅެއް ކުރިން ފެށީ ގިނަ އަދަދެއްގެ މީހުންނާ އެކު އެވެ.

ހިނގާލުމުގެ ބައިވެރިން މާލޭގެ ބައެއް ބޮޑެތި މަގުތަކުގައިވެސް ހިނގާލުމަށް ހަމަޖެހިފައިވެ އެެވެ.

ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށްދާ ހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެ އެވެ.

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ މި ހިނގާލުމުގައި ގޮވާލާނީ އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ކަމަށެވެ.

ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން ދަނީ ދެމުންނެވެ. އަދި އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގާނަމަ އެ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވެސް ގޮވާލާފައިވެ އެވެ.

ޕީޕީއެމުން ބުނީ ހިނގާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެގެން ތިބުމަކީ ދިވެހިން ނުރުހޭ ކަމެއް ކަމަށް ސަރުކާރަށް އަންގައިދިނުން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ އަދި އެމީހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތު ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށްވެސް ބުނެ އެވެ.